ޚަބަރު

ޢާންމު ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށްޓަވައިފި


ސަރުކާރު އޮފީސްތަކުން ފޯރުކޮށްދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ފަށްޓަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އަޅުއްވަން ފަށްޓަވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭގައި ހިނގަމުންދާ ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން، އާންމުންނާ ސީދާ މުޢާމަލާތް ކޮށްގެން ޚިދުމަތްދޭ 54 ތަނެއްގެ ޙާލަތު ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެތަންތަނުގެ ކައުންޓަރުތަކުން ޚިދުމަތް ދޭ ގޮތާއި، ކައުންޓަރުތަކުން ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަށް ޚިދުމަތް ނުދެވޭ މައިގަނޑު ސަބަބުތައް ދެނެގަނެ، އެ ތަންތަނުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް ބެލުމަށްޓަކައި، ރައީސުލްޖުހޫރިއްޔާގެ އޮފީހުން ފުރަތަމަ ފަހަރަށް ވަނީ ސްޕޮޓް އޮޑިޓެއް ކުރައްވާފައެވެ.

އެ އޮޑިޓުން، އޮފީސްތަކުގެ ކައުންޓަރ ސަރވިސް ޒަމާނީ އުސޫލުތަކާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ވަރަށް ގިނަ ކަންކަން ފާހަގަކުރެވިފައި ވާއިރު، އެ އޮޑިޓުން ފާހަގަކުރެވުނު ކަންތައްތަކާއި، އޮފީސްތަކުގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމުގެ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކައި އަޅަން ފެންނަ ފިޔަވަޅުތަކުގެ ތަފްސީލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ މިހާރު ވަނީ ހިއްސާކުރައްވައި މެންބަރުންގެ ޚިޔާލު ހޯއްދަވާފައެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، މި ކަމާބެހޭ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ކުރައްވަންޖެހޭ ކަންކަން މިހާރު ގެންދަވަނީ ކުރައްވަމުންކަމުގައިވެސް ރައީސްއޮފީހުން ބުނެއެވެ.