ޚަބަރު

ސަރުކާރާއި ޓީއެމްއޭއިން އެއްބަސްވާގޮތަށް ސީޕްލޭން ޓާމިނަލްގެ މައްސަލަ އަވަހަށް ނިންމުން މުހިންމު: ރައީސް ނަޝީދު


ސަރުކާރާއި، ޓްރާންސް މޯލްޑިވްސް އެއަރވޭސް، ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަށް ސީޕްލޭން ޓާމިނަލްގެ މައްސަލަ އަވަހަށް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މަޖިލީހުގެ ރައީސް މިކަމަށް ގޮވާލެއްވީ، ޓީއެމްއޭއިން ބޭނުން ވަނީ އައު ސީޕްލޭން ޓާމިނަލްގެ ހިންގުން ކުރިންވެސް އެއްބަސްވެފައިވާ ގޮތަށް އެކުންފުންޏަށް ދިނުންކަމަށް އެކުންފުނިން ބުނެފައިވަނިކޮށެވެ. އައު ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ދޭނީ މިހާރު ވެސް އެ އެކުންފުނިން އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލާ އެއްވަރުގެ ޖާގައެއްކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

26 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ ސީޕްލޭން ޓާމިނަލަކީ 16،000 އަކަފޫޓު ގެ ބޮޑު ބިމެކެވެ. ޓީއެމްއޭއިން މިހާރު އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލަކީ ގާތްގަނޑަކަށް 5300 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ. ސަރުކާރުން ޓީއެމްއޭއަށް އައު ޓާމިނަލުން ޖާގަ ދިނުމަށް ނިންމާފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެވަނަ ރަންވޭ ހުޅުވާ އެއަރޕޯޓްގެ މަސައްކަތްތައް އިތުރުކުރުމަށް ދިވެހި ސަރުކާރާއި، ޓީއެމްއޭ އެއްބަސްވެވޭ ގޮތަކަށް ސީޕްލޭން ޓަރމިނަލްގެ މައްސަލަ އަވަހަށް ނިންމުން ވަރަށް މުހިންމުކަމަށެވެ.

ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިންގާފައި ވާނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން މައްސަލައެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެއަރޕޯޓްގެ އައު ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް އެކުންފުނިން މިހާރުވެސް ބޭނުންކުރަމުންދާ ވަރުގެ ބޮޑު ޖާގައެއް ދިނުމަށް ސަރުކާރުން ނިންމި ނިންމުން މާލިއްޔަތު ކޮމިޓީއަށް ހުށައަޅައިގެން ބަލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ޓީއެމްއޭގެ އިސްވެރިން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޙާޒިރުކުރުން އިއްޔެ ވިދާޅުވީ 2014ވަނަ އަހަރު ޓީއެމްއޭއިން އެއްބަސްވެފައި ވަނީ އައު ޓާމިނަލުން 13000 އަކަފޫޓުގެ ޖާގައެއް އެކުންފުންޏަށް ލިބޭ ގޮތަށްކަމަށެވެ. އަދި މިއާއެކު އެކި ރިސޯޓުތަކާ ވަހަކަދައްކައިގެން، ލައުންޖް ސްޕޭސް އެފަރާތްތަކަށް ދޭނެ ގޮތްތަކުގެ ތަފްސީލްވެސް ޓީއެމްއޭއިން އެކުލަވާލާފައި ވާނެކަމަށް އެކުންފުނީގެ ފަރާތުން ވިދާޅުވިއެވެ.

އަދި އެމްއޭސީއެލްއިން މުޅި ޓާމިނަލް ހިންގައިގެން ލިބޭނެކަމަށް ލަފާކުރާ ވަރަށްވުރެ ބޮޑު ފައިދާއެއް ޓީއެމްއޭއިން ނެރޭނެކަމަށްވެސް އެކުންފުނީގެ ފަރާތުން ވިދާޅުވެފައިވެއެވެ.