ކުޅިވަރު

ކުޓީނިއޯ އިޓަލީގެ ކުލަބަކަށް


ކުރިއަށް އޮތް ސީޒަނަށް ފިލިޕް ކުޓިނިއޯ އިޓަލީގެ ކުލަބަކަށް ވިއްކާލަން އޭނާގެ އެޖެންޓް ހުށަހަޅާނެ ކަމަށް ޔޫރަޕުގެ މީޑިޔާތަކުން ބުނަން ފަށައިފި އެވެ.

ކުޓީނިއޯ އަކީ ލިވަޕޫލްގައި ހުއްޓައި ބާސެލޯނާ އަށް 142 މިލިއަން ޔޫރޯ އަށް ގަތް ކުޅުންތެރިއެކެވެ. ނަމަވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން އޭނާ މިހާރު ދޫކޮށްލާފައި ހުރީ ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކަށެވެ. އެ ޓީމުގެ ފުރަތަމަ 11އިން އޭނާ އަށް ޖާގަ ނުލިބޭތީވެ ބަޔާނުން އޭނާ ގަތުމާމެދު އަދި ގޮތެއް ނުނިންމަ އެވެ.

ކުޅުންތެރިޔާގެ އެޖެންޓާ ގާތް ގުޅުމެއް އޮންނަ ފަރާތްތަކުން ބުނަނީ ކުޓީނިއޯ އަދި ޒުވާން ހުނަރުވެރި ކުޅުންތެރިއަކަށްވުމުން އޭނާ އިޓަލީގެ ޔުވެންޓަސް އަށް ނުވަތަ ފްރާންސްގެ ޕީއެސްޖީ އަށް އޮފާކުރަން އެޖެންޓް ތައްޔާރުވަމުންދާ ކަމަށެވެ. އަދި މި ރޭހަށް ފަހަރުގައި ކުޓީނިއޯގެ ކުރީގެ ކުލަބު އިޓަލީގެ އިންޓަމިލާން ވެސް ވަނުން އެކަށީގެންވާ ކަމަށެވެ. ސަބަބަކީ އެ ޓީމުން މޮޅު ކުޅުންތެރިން ހޯދައި ޓީމު ވަރުގަދަ ކުރަމުންދިއުމެވެ.
ކުޓީނިއޯ ހެޔޮ އަގެއްގައި ލިބޭނަމަ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ވެސް އޮތީ އޭނާ ގަތުމަށް ތައްޔާރަށެވެ. އެކަމަކު އެއީ 70 މިލިއަން ޔޫރޯ އަށްވުރެ ކުޑައަގަކަށްވާނަމަ އެވެ.

ބާސެލޯނާއިން މަސައްކަތް ކުރަމުންދަނީ އަންނަ ސީޒަނުގެ ކުރިން ކުޓީނިއޯ 120 މިލިއަން ޔޫރޯ އަށް ވިއްކުމަށެވެ. އަދި މިއަދަދު އެންމެ ކުޑަމިނުން 80 ނުވަތަ 90 މިލިއަން ޔޫރޯ އަށްވުރެ ކުޑަނުކުރަންވެސް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.