ކުޅިވަރު

ގަދަ ހަޔަކަށް ނާރައިފިނަމަ ސޯލްޝަޔާ ވަކިކުރާނެ: ރިޕޯޓް


ގަދަ ހަޔަކުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިނަ މެންޗެސްޓާ ޔުނައިޓެޑުންގެ ކޯޗުކަމުން އޮލޭގަނާ ސޯލްޝަޔާ ވަކިކުރާނެ ކަމަށް އިނގިރޭސި ނޫސްތަކުން ބުނަން ފަށައިފި އެވެ.

ޔުނައިޓޑް މިވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ ހަ ވަނަ މަގާމުގަ އެވެ. އިނގިރޭސި ނޫސްތަކުން ބުނަނީ ޕްރެމިއާ ލީގުގެ ގަދަ ހަޔަކުން ކަޓައި އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތްތަކުން ފުރުސަތު ގެއްލިއްޖެނަމަ ސޯލްޝަޔާ ވަކިކޮށް ކޯޗުކަން ދިނުން އެންމެ ގާތީ ޓޮޓެންހަމުގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ އަށް ކަމަށެވެ.
އަދި މިވަގުތު ހުސްކޮށްހުރި ކޯޗާއެކު ޔުނައިޓެޑުން މިކަމާމެދު މަޝްވރާތައް ކޮށްފައިވާ ކަމަށެވެ.

ޔުނައިޓެޑުން ދަނީ ނަތީޖާ ރަނގަޅު ކުރުމަށް ސޮލިޝަޔާ އަށް ޕްރެޝަރު ކުރަމުންނެވެ. މިހެންވެ އިނގިރޭސި މީޑިޔާތަކުން ބުނަނީ ސޮލިޝަޔާގެ ޕްލޭނަށް ޔުނައިޓެޑުން އިންވެސްޓްކޮށް ނަތީޖާ ނެރުމަށް ބާރުއަޅަނީ އާ ކޯޗަކު ހޯދުމުގެ ވިސްނުމާއެކުގައި ކަމަށެވެ. ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ޔުނައިޓެޑް އެހެން ހަރުފަތަކަށް ގެންދެވޭނެ ވިސްނުމާއި ގާބިލްޖކަން ސޯލްޝަޔާ އަށް ލިބިފައިނުވެ އެވެ. މިހެންވެ ކުލަބު ކާމިޔާބީގެ މަގަށް ގެންދިއުމަށް ބޭނުންވަނީ ޔޫރަޕުގެ ތަޖުރިބާ ލިބިފައިހުރި ކޯޗެކެވެ.

2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން އެލެކްސް ފާގަސަން ވަކިވިފަހުން އެޓީމަށް އަދި މާރަނގަޅު ކާމިޔާބީތަކެއް ނުހޯދެ އެވެ. ޔުނައިޓެޑާ ހަވާލުވި ގިނަ ކޯޗުން ބުނާ ގޮތުގައި ކުލަބުގައި އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވެނީ ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް އެޑްވުޑްވާޑްގެ ސަބަބުންނެވެ. އެއީ ޓްރާންސްފާގެ ބާރުތައް ނުދޭތީ އެވެ. މިހެންވެ ދާދި ފަހުން އެކުލަބުގެ ސަޕޯޓަރުން ވަނީ އޭނާއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.