ވިޔަފާރި

"ދަ ޗެޑީ ކުޑަވިލިނގިލި"ގެ ނަމުގައި މިއަހަރު ހުޅުވަނީ


ކުޑަވިލިނގިލި ރިސޯޓް މި އަހަރުގެ ފަހުކޮޅު ހުޅުވަން ނިންމައިފިއެވެ.

ސިންގަޕޫރުގެ ޖީ.އެމް.އެޗް ކުންފުނިން މި ރިސޯޓް ހުޅުވަނީ "ދަ ޗެޑީ ކުޑަވިލިނގިލި" ގެ ނަމުގައެވެ. މިއީ އެ ކުންފުނިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.

މި ރިސޯޓް މިއަހަރު ހުޅުވަން ހަމަޖެހުނަސް، ހުޅުވާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. މި ރިސޯޓް ހުޅުވާއިރު ރިސޯޓުގައި 99 ވިލާ ހުންނާނެއެވެ. އޭގެތެރޭގައި 36 އޯވަރ ވޯޓަރ ވިލާ ހިމެނެއެވެ. މި ރިސޯޓަށް ރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި 25 މިނެޓުން ދެވޭނެއެވެ.

ސިންގަޕޫރުގެ ޖީ.އެމް.އެޗް ކުންފުނިން ބުނީ މި ރިސޯޓު ހުޅުވާއިރު ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ރީތި ދިރިއުޅުން ފެނިގެންދާނެކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ޑިޒައިންތައްވެސް ރިސޯޓުގައި ކޮންމެވެސް ވަރަކަށް ފެންނަން ހުންނާނެކަމަށެވެ.

މިއަހަރު ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ މި އަހަރުގެތެރޭ 13720 އެނދު ފަތުރުވެރިކަމަށް ނެރޭނެކަމަށް ވިދާޅުވެފައެވެ.