ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ށ. ފުނަދޫގައި ޤާއިމްކުރާ ކެމްޕަހުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙާއި، ކައުންސިލުގެ ރައީސް މުޙައްމަދު އާދިލް، އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދެވެ.
މިކަމަށްޓަކައި އިއްޔެ އެރަށުގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙާއި، ފުނަދޫ ކައުންސިލުގެ ރައީސް މުޙައްމަދު އާދިލުގެ އިތުރުން ކައުންސިލުގެ މެންބަރުންނާއި އެރަށު ރައްޔިތުން ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުގެ ރައީސް މުޙައްމަދު އާދިލް ވިދާޅުވީ، ފުނަދޫގެ ރައްޔިތުންނަކީ އިލްމީ މުޖުތަމަޢެއް ބިނާކުރުމަށް ތާރީޚީ ގޮތުންވެސް ވަރަށް ބޮޑު އިސްކަމެއްދޭ ބައެއް ކަމަށާއި، މިހާރުގެ ކައުންސިލުގެ އަމާޒަކީވެސް މިކަން ދަމަހައްޓައި މުޖުތަމަޢު ބިނާކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރުން ކަމަށެވެ.
މެންބަރު މަމްދޫޙުގެ ވާހަކަފުޅުގައި، ރަށްރަށަށް ޔުނިވަރސިޓީ ކެމްޕަސްތައް ގެނައުމުގެ މުހިންމުކަމާއި، ރަށްރަށުގެ މުޖުތަމަޢުތައް މުއްސަނދި ކުރުމަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ އެންމެ މުހިންމު އެއް ތަނބަކީ އިލްމު ކަމަށްވާއިރު، ދާއިރާގެ ތަރައްޤީއަށް ފަހިކުރެވޭނެ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
We were honored to celebrate the official commencement of physical works for the Sh.Funadhoo Campus and Student Hostel. This expansion marks a significant step forward in making quality higher education more accessible to our community. https://t.co/IWrhbuXSIP
— Islamic University of Maldives (@official_ium) October 18, 2026
މި ރަސްމިއްޔާތުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރ ދެއްކެވި ވާހަކަފުޅުގައި، މާލޭގައި ހޮސްޓެލްގެ ވަސީލަތްތައް ނެތުމާއި ކުއްޔަށް އުޅެން ޖެހުމުގެ ސަބަބުން ދަރިވަރުން އުފުލާ ތަކުލީފުތަކަށް ނިމުމެއް އައުމުގެ އިތުރުން މި މަޝްރޫޢާއެކު ފުނަދޫ އަދި ކައިރި ރަށްތަކުގެ ދަރިވަރުންނަށް އެކޮމޮޑޭޝަންގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސްކޫލު ނިންމުމަށްފަހު އެކި ދާއިރާތަކުން ޕީއެޗްޑީއާ ހަމައަށް އަމިއްލަ ސަރަހައްދުގައި ތިބެގެން ކިޔެވުމަކީ މުޅި ސަރަހައްދަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި، މިއީ އައިޔޫއެމްގައި ކިޔަވަން އަންނަ ބައިނަލްއަޤުވާމީ ދަރިވަރުންނާ ދިވެހި ދަރިވަރުން ބައްދަލުވެ، ދަރިވަރުންގެ ތަޖުރިބާއާއި ދުނިޔަވީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމެއްކަންވެސް ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން 2 ބުރީގެ ކެމްޕަސް މެއިން ބްލޮކަކާއި 4 ބުރީގެ އެކޮމޮޑޭޝަން ޢިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކެމްޕަސް މެއިން ބްލޮކުގައި ކްލާސްރޫމްތަކާއި، ސެމިނަރ ރޫމަކާއި، މަލްޓިޕަރޕަސް ހޯލަކާއި، ލައިބްރަރީއެއްގެ އިތުރުން އިދާރީ އޮފީހާއި، މީޓިންގ ރޫމް ހިމެނޭއިރު އެކޮމޮޑޭޝަން ޢިމާރާތުގައި 20 ދަރިވަރުންގެ ދަނާލަކާއި، ލެކްޗަރާއިންނާއި މުވައްޒަފުންގެ ކުއާޓަރުތައް ހިމެނެއެވެ.
މީގެ އިތުރުން ޖިމް، އިންޑޯ ރެކްރިއޭޝަން ފެސިލިޓީތައް، ކެމްޕަސް ކެފެޓީރިއާ އަދި ކޮމަން ރޫމް ގާއިމްކުރެވޭނެއެވެ. ފުނަދޫ ކައުންސިލުން ވަނީ، މި މަޝްރޫޢަށް 15000 އަކަފޫޓުގެ ބިމެއް ހަމަޖައްސާދީފައެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ތަރައްޤީކުރާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ، ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑެވެ. މި މަޝްރޫޢުގެ މަސައްކަތް 1 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ، އަމާޒު ހިފާފައެވެ.