ޚަބަރު

ސަޢުދީގައި ހެލިކޮޕްޓަރެއް ވެއްޓި 2 މީހުން މަރުވެއްޖެ


ސައުދީ އަރަބިއްޔާގެ ދެކުނުގެ ނަޖްރާން ސަރަހައްދަށް ސައުދީ ކޯލީޝަންގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ތިބި 2 ކްރޫއިން މަރުވެއްޖެއެވެ.

ވެއްޓިފައިވަނީ ޖާސޫސީ އަދި ފާރަލުމުގެ ހަރަކާތްތަކުގައި ބޭނުންކުރާ "އޭއެޗް-6.އައި" މަރުކާގެ ހެލިކޮޕްޓަރެކެވެ.

ސައުދީ އިސްވެ އޮންނަ ޢަރަބި ކޯލީޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީ ގެ ނޭޝަނަލް ގާޑް ވުޒާރާގެ ބެލުމުގެ ދަށުގައިވާ ސަރަހައްދަކަށް މި ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ 'އެކްސް' ގައި ބުނެފައިވަނީ، ބޯޑަރު ސަރަހައްދުގައި ހޫތީންގެ މަރުކަޒުތަކަށް ހަމަލާދިނުމުގެ ހަރަކާތްތަކެއް ހިންގަމުންދަނިކޮށް، ސައުދީގެ ހެލިކޮޕްޓަރު ވައްޓާލީ އެ ޖަމާޢަތުން ކަމަށެވެ. ނަމަވެސް، ކޯލީޝަންގެ ތަރުޖަމާނު އަލް-މާލިކީ ވަނީ ހޫތީންގެ އެ ދަޢުވާ ދޮގުކުރައްވައި، އެއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.

ފާއިތުވި ހަފުތާތަކުގައި ސައުދީ ކޯލީޝަނާއި ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެފައިވާއިރު، ނަޖްރާންގެ ދެކުނު ހުޅަނގު ބޯޑަރު ސަރަޙައްދުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ.

މި ހާދިސާގެ އިތުރުން، ސައުދީގެ ދެކުނުގައި އޮންނަ ޚާމިސް މުޝައިތު ސިޓީއަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް 2 މިސައިލާއި، ސައުދީގެ ވައިގެ ސަރަހައްދަށް އައި ގިނަ އަދަދެއްގެ ޑްރޯންތަކެއް އާދީއްތަ ދުވަހު ކޯލީޝަނުގެ ދިފާޢީ ބާރުތަކުން ވަނީ ވައްޓާލާފައެވެ. މި ހަމަލާތަކާ ގުޅިގެން ވެރިރަށް ރިޔާދާއި، އަބްހާ އަދި ޚާމިސް މުޝައިތުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަދަނީ ދިފާޢީ ޚިދުމަތުގެ އިދާރާއިން ވައިގެ ނުރައްކަލުގެ އިންޒާރު ނެރުނެވެ. ނަމަވެސް، ނުރައްކާ ފިލައިދިޔުމުން ފަހުން ވަނީ އެ އިންޒާރު އުވާލާފައެވެ.

ހެލިކޮޕްޓަރު ވައްޓާލި ކަމަށް ބުނެ ހޫތީން ވަނީ ވީޑިއޯއެއް އާންމުކޮށްފައި ނަމަވެސް، އެ ވީޑިއޯގެ ސައްޙަކަން މިހާތަނަށް މިނިވަން މަސްދަރަކުން ކަށަވަރުކުރެވިފައެއް ނުވެއެވެ. އަދި ހޫތީން ދަޢުވާކުރާ ހާދިސާއާއި، ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވެއްޓުނު ކަމަށް ސައުދީން ބުނާ ހެލިކޮޕްޓަރުގެ ހާދިސާއަކީ އެއް ހާދިސާއެއްކަން އަދިވެސް ސާފުނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.