ޚަބަރު

މަސައްކަތް ހުއްޓިފައި ހުރި 4 ރަށެއްގެ ހައުސިންގ މަޝްރޫޢުތައް އަލުން ފަށަނީ


މަސައްކަތް ހުއްޓިފައިހުރި 4 ރަށެއްގެ ހައުސިންގ މަޝްރޫޢުތައް އަލުން ފަށައި ނިންމުމަށް ހައުސިންގ މިނިސްޓްރީއިން މަސައްކަތް ފަށައިފިއެވެ.

މީގެތެރޭގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް މިހާރު އެއްބަސްވުން އުވާލާފައިވާ 3 ރަށެއްގެ މަސައްކަތް ހިމެނެއެވެ.

ހައުސިންގ މިނިސްޓްރީއިން އަލުން މަސައްކަތް ފެށުމަށް ނިންމާފައި ވަނީ ހދ.ކުޅުދުއްފުށި، ތ.ވިލިފުށި، ހދ.ނޮޅިވަރަންފަރު އަދި ހދ ހަނިމާދޫގައި ހަދަންފަށައި ނުނިމި ހުރި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތަކެވެ. މިއީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް ޕްރައިވެޓް ލިމިޓެޑުން ކުރިއަށްގެންދިޔަ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގެ ދަށުން ހަދަން ފަށައި ނުނިމު ހުރި ހައުސިންގ ޔުނިޓްތައްކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކުޅުޅުއްދުއްފުށީގައި އަލުން ފެށުމަށް ބީލަމަށް ހުޅުވާލާފއި ވަނީ ނޫމަޑި އާއި ހަވާލު ކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށީގައި އަޅަން ފެށި 140 ހައުސިންގ ޔުނިޓްގެ ތެރެއިން ނުނިމި ހުރި 100 ހައުސިންގ ޔުނިޓްގެ މަސައްކަތާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެރަށުގައި އިމާރާތް ކުރަން ފަށާފައިވާ 25 ހައުސިންގ ޔުނިޓްގެ ތެރެއިން ނުނިމި ހުރި 5 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ.

މި 165 ހައުސިންގ ޔުނިޓްގެ ތެރެއިން ނުނިމު ހުރި 105 ހައުސިިން ޔުނިޓްގެ މަސައްކަތަށް، ބީލަން ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މާޗު މަހުގެ 4ވަނަ ދުވަހެވެ.

ހައުސިންގ މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ދެން މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ތ.ވިލުފުށީގައި ނުނިމު ހުރި 100 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ. ނޫމަޑި އާއި ހަވާލުކުރި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ފެށި އެ މަސައްކަތުގެ ދަށުން އެރަށުގައި އަޅަން ފެށި 100 ހައުސިންގ ޔުނިޓްގެ ތެރެއިން 64 ހައުސިންގ ޔުނިޓްގެ ކޮންކްރީޓް މަސައްކަތްތަކަކީ ނޫމަޑިއާއިއެކު އެއްބަސްވުން އުވާލިއިރު ނިމިފައިވާ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބީލަމަށް ހުށައެޅުމަށް ހުޅުވާލާފައިވަނީ މާޗުމަހުގެ 2ވަނަ ދުވަހާއި ހަމައަށެވެ.

ނޫމަޑި އާއި ހަވާލުކުރި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެދަށުން ހދ.ނޮޅިވަރަންފަރުގައި މަސައްކަތް ފަށައި ނުނިމި ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފެށުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓްގެދަށުން އެރަށުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވެއެވެ. މި މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ބީލަން ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މާޗު 4 ވަނަ ދުވަހެވެ.

ހަމަ މި މަޝްރޫޢުގެދަށުން ހދ. ހަނިމާދޫގައި އަޅަން ފެށި 100ހައުސިންގ ޔުނިޓްގެ ތެރެއިން 54 ހައުސިންގ ޔުނިޓްގެ ކޮންޓްރެކްޓް މަސައްކަތްތައް ހުރީ ނިމިފައެވެ. އެ ޕްރޮޖެކްޓްގައި ބާކީ ހުރި މަސައްކަތްތައް ކުރުމަށް ބީލަން ހުށައެޅުމުގެ ފަހު ތާރީޚަކީ މާޗު މަހުގެ 4 ވަނަ ދުވަހެވެ.

މި ހުރިހާ ހައުސިންގ ޔުނިޓްތަކަކީ މަސައްކަތް ފެށިތާ ދިގު މުއްދަތެއް ވެފައިވާ މަޝްރޫޢުތަކެވެ.

ސަރުކާރުންދަނީ އެގޮތަށް ނުނިމި ހުރި ހައުސިންގ މަޝްރޫޢުތަކުގެ މަސައްކަތް ނިންމައި ޙައްގުވެރި ފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން ފެނާއި ނަރުދަމާފަދަ މަސައްކަތްތައް ނުނިމިގެން ހަވާލުނުކުރެވި ހުރި ގިނަ ފްލެޓްތަކެއްގެ މަސައްކަތް މިދިޔަ އަހަރު ނިންމައި އޭގެ ޙައްގުވެރި ފަރާތްތަކާއި ވަނީ ޙަވާލުކޮށްފައެވެ.