އަތޮޅުތައް

ރ. އިނގުރައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ފަށަނީ


ރ. އަތޮޅު އިނގުރައިދޫ ބަނދަރު
މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްއޮތް މަސްދުވަސްތެރޭ ފެށޭވަރުވާނެކަމަށް
އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.



ސޯޅަސަތޭކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ އިނގުރައިދޫގައި މިހާރު ބޭނުންކުރާ ބަނދަރަށް ގެއްލުންލިބި، އެބަނދަރު މަރާމާތުކޮށްދިނުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާތާ
އަހަރުތަކެއްވެއްޖެކަމަށް އިނގުރައިދޫ ކައުންސިލުން މައުލޫމާތުދެއެވެ. އެހެކަމުން ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް 300 ދުވަހުގެ މުއްދަތަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ އޭޕްރީލުމަހުއެވެ.

42.6 މިލިޔަން ރުފިޔާގެ މަޝްރޫއެއްގެ ދަށުން އިނގުރައިދޫ ބަނދަރު މަރާމާތުކޮށް ނިމޭއިރު
ބޮޑެތި ބަދަލުތަކެއް އައިސް ފަޅުވެސް އިތުރަށް ބޮޑުވެގެންދާނެކަމަށް މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރައްވައެވެ. އެގޮތުން އިނގުރައިދޫ
ބަނދަރު މަރާމާތު ކުރެވިގެންދާއިރު އެރަށުގައި މިހާރު ހަދާފައިވާ ބަނދަރު 750 ފޫޓަށް ބޮޑު ކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. އަދި އެބަނދަރުގައި
288 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ޖެހުމަށް
ހަމަޖެހިފައިވާއިރު 353 މީޓަރުގެ ކޮންކްރީޓް ބްލޮކްގެ
އެއްގަމު ތޮއްޓެއް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން ބަނދަރުގެ އެއްގަމު ތޮށި
ކައިރީ ޕޭވް ކުރެވި ސައުވީސްގަޑިއިރު ބޭނުންކުރެވޭނެހެން ލައިޓްވެސް ޖަހާނެކަމަށް
ހައުސިންގ މިނިސްޓަރީން މައުލޫމާތުދެއްވައެވެ.