ކުޅިވަރު

އެފްއޭއެމްގެ އިންތިޚާބު އަންނަ މަހު


އެފްއޭއެމުގެ އިންތިޚާބު އަންނަ މާޗު މަހު ބާއްވަން ނިންމައި އެކަން އިޢުލާނުކޮށްފި އެވެ.

މިކަން އިއުލާނުކުރީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އެއީ އިއްޔެ ބޭއްވި އެއިދާރާގެ އެކްސްކޯގައި އިންތިހާބު އިއްޔެއިން ފެށިގެން 45 ދުވަސް ތެރޭގައި ބާއްވަން އެކްސްކޯއިން ނިންމުމުންނެވެ.

2016 ވަނަ އަހަރުގެ ފަހުކޮޅު އެފްއޭއެމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ބައްސާމްގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހު އެވެ. ނަމަވެސް އިންތިހާބުގެ ނުވަ މަސް ކުރިން އާ އިންތިހާބެއް ބާއްވަން އޭނާ އެކްސްކޯ އަށް ހުށަހެޅުއްވީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުދީ ރައީސަކު ހޮވަން ފުޓްބޯޅަ އާއިލާ އަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

މި އިންތިހާބު ބާއްވާނީ ފީފާ އާއި އޭއެފްސީގެ އޮބްޒާވަރުންގެ އެހީއާއެކު ދެފުށް ފެންނަ ގޮތަކަށް ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

2016 ވަނަ އަހަރުގެ އިންތިހާބު ބައްސާމް ކާމިޔާބު ކުރެއްވީ އެފްއޭއެމުގެ ރައީސްކަމުގެ މަގާމު ކުޑަ ދުވަސްކޮޅަކު ކުރެއްވި ކުރީގެ ގައުމީ ފޯވަޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ބަލިކޮށްފަ އެވެ. މިފަހަރުގެ އިންތިހާބަށް ނުކުންނާނެ ފަރާތްތަކެއް އަދި ޔަގީނެއްނޫނެވެ.