ކުޅިވަރު

ކެޕާ ބެންޗަށްލީ ސަބަބު ލަމްޕާޑު ސާފުކޮށްދީފި


ދުނިޔޭގެ އެންމެ އަގުބޮޑު ގޯލަކީޕަރު ގޯލްކީޕަރު ކެޕާ އަރިޒަބަލަގާ ބެންޗުގައި ބޭންދި ސަބަބު ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު ސާފުކޮށްދީފި އެވެ.

އޭނާ ބުނީ ސްޕޭނުގެ ޒުވާން ކީޕަރު އަތުން ޗެލްސީގެ އަންގި ނަގައި ތަޖުރިބާކާރު ކީޕަރު ވިލީ ކަބަޔޭރޯ އަށް ދިނީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކެޕާ ހެދި މިސްޓޭކްތަކުގެ ސަބަބުން ކަމަށެވެ.

ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ރޭ 2-2އިން އެއްވަރުވި މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ކަބަޔޭރޯ އެވެ.

"މިއީ އަހަރެން ވަރަށް ގިނައިރު ވިސްނާފައި ނިންމި ނިންމުމެއް. މިއީ މި މެޗަށް އަހަންނަށް ފެނުނުގޮތް. ސަބަބަކީ ކެޕާ އަށް ނިއުކާސަލް އާއި އާސެނަލް މެޗުގައި ގިނަ ގޯސްތަކެއް ހެދިފައިވުން،" ލަމްޕާޑު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ މިއީ ކެޕާ އަށް ފުރަތަމަ 11ގައި ޖާގަ އެއްކޮށް ގެއްލުމެއްނޫން ކަމަށެވެ.

"ދެ ކީޕަރުން ވެސް ދަނީ ވަރަށް ރަނގަޅަށް ފަރިތަކުރަމުން. ކަބަޔޭރޯ އަކީ ތަޖުރިބާކާރު ކީޕަރެއް. އަހަރެން އޭނާ އަށް އިތުބާރުކުރަންޖެހޭ. ކެޕާ އަށް އެނގޭނެ އޭނާ ބެންޗަށް ދާން ޖެހުނީ ކީއްވެގެންކަން. އެކަންކަން ރަނގަޅުކޮށް ފުރަތަމަ 11އިން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތް،" ލަމްޕާޑު ބުންޏެވެ.