ކުޅިވަރު

މެޗަށް ތައްޔާރުވެވުނު މިންވަރަށް ބަލާއިރު، ނަތީޖާ ރަނގަޅު: ސުޒޭން


މެޗަށް ނުކުތް ޓާގެޓް މޮޅުވުމުން ހާސިލްވެއްޖެކަމަށާއި ތައްޔާރުވެވުނު ވަރަށް ބަލާއިރު ކުޅުން ވެސް ރަނގަޅު ކަމަށްކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ށ.ފޯކައިދޫ ފުޓްބޯޅަ ކްލަބާއި ބައްދަލުކުރި މެޗު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގްރީން ސްޓްރީޓްސްއިން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އުމައިރުއެވެ. މި މެޗަކީ ތިންވަނަ ބުރުގައި ކްލަބް ގްރީން ސްޓްރީޓްސް މޮޅުވި ފުރަތަމަ މެޗެއެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު ޢަލީ ސުޒޭން ބުނީ، މެޗަށް ނުކުތް ޓާގެޓް މޮޅުވުމުން ހާސިލްވެއްޖެކަމަށާއި ތައްޔާރުވެވުނު ވަރަށް ބަލާއިރު ކުޅުން ވެސް ރަނގަޅު ކަމަށެވެ. ސުޒޭން ބުނީ ލީގުގެ ގަދަ ހަތަރު ޓީމު ތެރެއަށް ގޮސް ދެން ކުރަން ހުރި މަސައްކަތް ގްރީން ސްޓްރީޓްސް ކުރީމަ ރަނގަޅުވާނެކަމަށެވެ.

ސުޒޭން ބުނީ ލީގުގެ މާ ބޮޑު ބޭނުމެއް ދެން ނެތްކަމަށާއި، ސަބަބަކީ އެއީ ލީގުގެ އެކެއް، ދޭއް، ތިނެއް، ހަތަރެއް، ފަހެއް، ހަޔެއް މިހާރު ކަނޑައެޅިގެން ގޮސްފައިވާތީކަމަށެވެ. ސުޒޭން ބުނީ ވަގުތު ގްރީން ސްޓްރީޓްސްގެ ފޯކަސް އަކީ ދެން އޮތް މެޗު އިންޖަރީ އާއި ކާޑެއް ނުހޯދައި ދެން އޮތް މުބާރާތަށް ދިއުންކަމަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ށ.ފޯކައިދޫ ފުޓްބޯޅަ ޓީމުގެ ކޯޗު ޢަލީ ނިޝްތާރު މުހައްމަދު ދައްކާފައިވަނީ ފަހަކަށްއައިސް މެޗުތަކަށްފަހު ދައްކާ އެއްވާހަކައެކެވެ. އެއީ ޓީމު އޮތް ޙާލަތާއި ބަލާފައި ނަތީޖާ ރަނގަޅު ކަމަށާއި، މި ޙާލަތުގައި އޮވެ ގަދަ 6 އިން ޖާގަ ލިބުމުން ޓާގެޓް ހާސިލްވެއްޖެކަމަށެވެ.