ވިޔަފާރި

ކައުންސިލްތަކަށް ލިބޭ ހިލޭ އެހީގެ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ލިބޭނެ


ބޭރުގެ ފަރާތްތަކުން ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ފައިސާ ދޫކުރުމާބެހޭ އުސޫލު ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ނެރުއްވާފައިވާ ސަރކިއުލާގައިވަނީ ކައުންސިލްތަކާއި ބޭރުގެ އެކި ފަރާތްތަކާއި ދެމެދު ވެވޭ އެއްބަސްވުންތަކުގެ ދަށުން ލިބޭ ހިލޭ އެހީގެ ފައިސާ މާރުކުރުމަށްފަހު ޖަމާކުރަމުންދަނީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށްކަމަށެވެ.

ފިނޭންސް މިނިސްްޓްރީން ވިދާޅުވީ ކައުންސިލްތަކުން މި ފައިސާ ހޯދުމަށް އެމްއެމްއޭ މެދުވެރިކޮށް ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާއާއި ބެހޭ މަޢުލޫމާތު ފޯމާއި، ކައުންސިލާއި ބޭރުގެ ފަރާތާއި ދެމެދު ކުރެވުނު އެއްބަސްވުމުގެ ކޮޕީ އަދި މިކަމާއި ބެހޭ އެހެނިހެން ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހެޅުމުން މި ފައިސާ ކައުންސިލްގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެކަމަށެވެ. އަދި މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ބޭރުގެ ފަރާތްތަކުން ލިބޭ އެހީ ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކުރުމަށް ފަސޭޙަ ގޮތްތަކެއް ހަމަޖައްސާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގެންދަވަނީ ކައުންސިލްތައް މާލީގޮތުން ބާރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ވަނީ ކައުންސިލްތަކަށް ހިލޭ އެހީ ގޮތުގައި 1.6 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައެވެ. އަދި ސަރުކާރުން މިހާރު ވަނީ ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދީފައެވެ. މީގެއިތުރުން 5 މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫޢުތައް ހިންގުމުގައިވެސް ބޮޑެތި ބާރުތަކެއް ވަނީ ސަރުކާރުން ކައުންސިލްތަކަށް ދެއްވާފައެވެ.