ވިޔަފާރި

ދުނިޔޭގެ އެންމެ ކަމުދާ ރިހަތަކުގެ ލިސްޓުގައި ދިވެހި "މަސްރިހަ"


އެމެރިކާގެ މަޝްހޫރު ޓީވީ ނެޓްވޯކް، ސީ.އެން.އެންއިން ހޮވި ދުނިޔޭގެ އެކި ހިސާބުތަކުގައި ތައްޔާރުކުރާ އެންމެ ކަމުދާ ރިހަތަކުގެ ލިސްޓުން ދިވެހި "މަސްރިހަ" ޖާގަ ހޯދައިފިއެވެ.

ސީއެންއެންއިން ހޮވި ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 12 ވައްތަރެއްގެ ރިހަ ހިމަނާފައިވާއިރު، މި ލިސްޓުގެ 6 ވަނައިގައި ހިމެނެނީ ދިވެހި "މަސްރިހަ"އެވެ.

ފަތުރުވެރިކަމުގައި ރާއްޖެއަށް ކޮންމެވެސް އެވޯޑެއް ނުވަތަ އިނާމެއް ލިބުމަކީ މިހާރު ދިވެހިންނަށް އައު ކަމަކަށް ނުވާނެއެވެ. ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ސަރަހައްދުގެ އެތައް ގުނައެއް ކުރިއަށް ޖެހިލާފައެވެ. ނަމަވެސް މުޅި ދުނިޔޭންވެސް އެންމެ ފާހަގަކޮށްލެވޭ ރިހަތަކުގެ ލިސްޓުގެ 6 ވަނައަށް ދިވެހިންގެ ރަހައެއް އައުމަކީ މުޅިން ތަފާތުކަމެކެވެ.

ސީ.އެން.އެން އިން ހޮވި "12 ކަރީޒް އެރައުންޑް ދަ ވޯލްޑް" ނުވަތަ ދުނިޔޭގެ އެކި ހިސާބުތަކުން ފާހަގަކޮށްލެވޭ 12 ރިހައިގެ ތެރޭގައި ދިވެހި މަސްރިހަ ވަނީ ހިމެނިފައެވެ. މި ލިސްޓުގެ 1 ވަނައިގައި ހިމެނުނީ އިންޑިއާގެ "ބަޓަރ ޗިކަން"އެވެ. ލިސްޓުގެ 2 ވަނައިގައި ޖެމެއިކާގެ "ކަރީ ގޯޓް" ހިމެނުނުއިރު 3 ވަނައިގައި ހިމެނެނީ ޖަޕާންގެ "ކަރީ ރައީސް"އެވެ. ލިސްޓުގެ 4 ވަނަ ލިބެނީ ސައުތު ކޮރެއާގެ "ތޮއްކޮއްކި" ރިހައަށެވެ. ލިސްޓުގެ 5 ވަނައިގައި މެލޭޝިއާ އަދި އިންޑޮނޭޝިއާގެ "ބީފް ރެންޑަންގ" ހިމެނުނުއިރު ލިސްޓުގެ 6 ވަނައިގައި ހިމެނެނީ ރާއްޖޭގެ މަސްރިހައެވެ.

ސީ.އެން.އެން ގެ ދުނިޔޭގެ އެންމެ ކަމުދާ ރިހައިގެ ލިސްޓުގެ 7 ވަނަ ހޯދަނީ ޕާކިސްތާންގެ "ހަލީމް"އެވެ. 8 ވަނައިގައި ސައުތު އެފްރިކާގެ "ބަނީ ޗާއޮ" އަށް ލިބޭއިރު، 9 ވަނަ އަކީ ސްރީލަންކާގެ "ސިންހަލީސް ކަރީ" އެވެ. 10 ވަނައިގައި ތައިލޭންޑްގެ "ގްރީން ކަރީ ހިމެނޭއިރު، 11 ވަނައިގައި ހިމެނެނީ ކެރީބިއަންގެ "ކަރީ ކްރެބް" އެވެ. އަދި ލިސްޓުގެ 12 ވަނައިގައި ހިމެނެނީ އިނގިރޭސިވިލާތުގެ "ޓިއްކާ މަސާލާ" އެވެ.

ދުނިޔޭގެ އެންމެ ކަމުދާ ރިހައިގެ ލިސްޓުގެ 6 ވަނައިގައި ރާއްޖޭގެ މަސްރިހަ ހިމެނުނުއިރު "މޯލްޑިވިއަން ކުޒީން" ނުވަތަ ދިވެހި ކެއުންތަކަކީ މުއްސަނދި ތަފާތު ރަހަތަކެއް ލިބިފައިވާ ކެއުންތަކެކެވެ. ރާއްޖޭއަށް އަންނަ ފަތުރުވެރިންނަށްވެސް ދިވެހި ރަހަތައް ކަމުދާއިރު ދިވެހިންގެ ކެއުމުގައި ހިމެނޭ ދިވެހިވަންތަ ކެއުންތައްވެސް ރާއްޖެއިން ބޭރުގައި އޮންނަ ފެއަރތަކުގައި އަންނަނީ އިޝްތިހާރުކުރަމުންނެވެ.