ޚަބަރު

ޕީއެސްއައިޕީ ގިނަ މަޝްރޫއުތަކުގެ ޓެންޑަރ މަރުޙަލާ ވަނީ ނިމިފައި - އަސްލަމް


ޕްލޭނިންގ މިނިސްޓްރީން 2020ވަަނަ އަހަރު ހިންގުމަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރުޢޫތަކުގެ ތެރެއިން ގިނަ މަޝްރޫޢޫތަކަކީ މިހާރު ޓެންޑަރ މަރްޙަލާ ނިމިފައިވާ މަޝްރޫޢުތަކެއްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު ކޮންޓްރެކްޓަރުންނަށް ދިނުމަށް ބޭއްވި ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިސިމްޕޯޒިއަމަކީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސީ ގުޅިގެން މިއަހަރާއި ކުރިއަށް އޮތް 2 އަހަރު ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު ކޮންޓްރެކްޓަރުންނަށް ދިނުމަށް ބޭއްވި ސިމްޕޯޒިއަމެކެވެ.

މި ސިމްޕޯޒިއަމްގައި ޕްލޭނިންގ މިނިސްޓްރީން ވަނީ ސަރުކާރުގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ކޮންޓްރެކްޓަރުންނާއި ޙިއްސާކޮށްފައެވެ.

މި ސިމްޕޯޒިއަމްގައި ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމްގެ އިތުރުން ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ބައިވެރިވެ ވަޑައިގެން ކޮންސްޓަރކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ސަރުކާރުގެ މަޝްރޫޢޫތަކާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވާފައެވެ. ސިމްޕޯޒިއަމްގެ ތެރެއިން ކޮންޓްރެކްޓަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިހާރު ގިނަ ޕްރޮޖެކްޓްތަކެއްގެ ބީލަމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޑިޒައިން އާއި ބިޑް ކުރުމުގެ އުސޫލުން ޕްރޮޖެކްޓްތައް ހަވާލުކުރުން ގިނަކޮށްފައި ވަނީ ކޮންޓްރެކްޓަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ފުޅާކުރުމުގައި އެމީހުންގެ ދައުރު އިތުރުކުރުމަށް ކަމަށެވެ.


ސިމްޕޯޒިއަމްގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް، އެމީހުންގެ ޝަކުވާތައް އަޑުއަހައި އެކަންކަން މުރާޖާ ކުރަން ފަށާފައިވާ ކަމަށެވެ. އަދި ބޭނުމަކީ މަޝްރޫޢުތަކަށް ހުއްޓުމެއް ނައިސް، ނިންމޭނެގޮތްތައް ފަހިކޮށްދިނުންކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަކްރަމް ކަމާލުއްދީންވަނީ މަސައްކަތް ކުރިއަށް ނުގެންދެވޭ މިންވަރަށް ކުންފުނިތަކުން ކޮންޓްރެކްޓްތައް ނުނެގުމަށް ގޮވާލައްވާފައެވެ.

"މިއަހަރަށް 4.7ބިލިއަން ރުފިޔާގެ މަޝްރޫޢު ޕީއެސްއައިޕީގައި ވަނީ ހިމަނާފައވެ. 2.2.ބިލިއަން ރުފިޔާގެ މަޝްރޫޢުއަކީ މުޅިން އަލަށް ފަށާ މަސައްކަތްތައް. އެހެންވީމަ މި ސިމްޕޯސިއަމްއަކީ ދާއިރާގެ މިއަހަރުގެ މަސައްކަތްތައް ރާވާލުމަށް ލިބޭ ފުރުސަތެއް." އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

ސިމްޕޯޒިއަމްގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހް ވިދާޅުވީ މި ސިމްޕޯޒިއަމްގައި މިއަހަރާއި، އަދި ކުރިއަށް އޮތް 2 އަހަރު ކުރިއަށްގެންދާނެ މަސައްކަތްކުގެ މަޢުލޫމާތު ޙިއްސާކުރާނެކަމަށެވެ. މިއީ ކޮންޓްރެކްޓަރުންނަށް ދުރާލާ ތައްޔާރުވުމަށް ލިބޭ ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މަޝްރޫއުތަކުގެ ތަފްސީލްތައް އެބަ ހިއްސާކުރެވޭ. އޭރުން ފައިނޭންސް، އަދި ޖޮއިންޓް ވެންޗަރ މަސައްކަތް ކުރާނަަމަ އެކަމަށްވެސް ވަގުތު ލިބޭނެ." ޖަނާހު ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމްގައި ބިޑް ސެކިއުރިޓީ އާއި، އަދި އިންޝުއަރެންސްގެ ކަންކަމާއި ގުޅޭ މަޢުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

މި ސިމްޕޯޒިއަމްގައި މިނިސްޓްރީގެ ޕްރޮކިއުމަންޓް 2020 ވަނީ އިފްތިތާޙްކޮށްފައެވެ. އަދި ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަނާއި ގުޅޭ މަޢުލޫމާތުވެސް ވަނީ ދީފައެވެ.