ވިޔަފާރި

މާމުޓާ ރިސޯޓުގެ މޫދު އަޑީގެ ކޮޓަރިތައް ހުޅުވައިފި


އާ އަހަރާއި ދިމާކޮށް ޕުލްމަން މާމުތާ ރިސޯޓުގެ މޫދުއަޑީގައި ތަރައްޤީކޮށްފައިވާ ހިތްގައިމު 2 މޫދުކޮޓަރި ހުޅުވައިފިއެވެ.

މާމުތާ ރިސޯޓަކީ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށްފަހު ކަނޑުއަޑީގައި ވިލާތައް ހުޅުވި 2 ވަނަ ރިސޯޓެވެ. ގއ. މާމުތާ ރިސޯޓުގައި ތަރައްޤީކޮށްފައިވާ މި ވިލާތަކަކީ 1،216 އަކަފޫޓު ބޮޑު ވިލާތަކެކެވެ. ރިސޯޓުގައި މޫދު އަޑީގެ 2 ވިލާ ތަރައްޤީކޮށްފައިވާއިރު ކޮންމެ ވިލާއެއްގައި 2 ކޮޓަރި ހުރެއެވެ. ފުރަތަމަ ކޮޓަރިން މޫދާއި ކަނޑުގެ މަލަމަތި ފެންނަން ހުރެއެވެ. އަދި ޕްރައިވެޓް ޕޫލްއަކާއި އެކު ބޭރަށް ހުންނަ ފާހާނައެއް ހުރެއެވެ. ދެވަނަ ކޮޓަރި ފަރުމާކޮށްފައިވަނީ އެކުއޭރިއަމްއެއްގެ ސިފައިގައެވެ. މި ކޮޓަރިތަކުން ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލެވޭނެއެވެ.

ގއ. މާމުތާ ރިސޯޓު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ރިސޯޓުގައި މޫދުކޮޓަރިތައް ހިމަނައިގެން 122 ވިލާ ތަރައްޤީކޮށްފައިވެއެވެ. މީގެ ތެރެއިން ރިސޯޓުގައި ތަރައްޤީކޮށްފައިވާ ރޯޔަލް ސުއިޓްއަކީ ފާހަގަކޮށްލެވޭ ވިލާއެކެވެ.

"ރިސޯޓް ތެރެއިން ރިސޯޓަކަށް" މިނަމުގައި މާމުޓާ ރިސޯޓުން ސިފަކޮށްފައިވާ މިސުއިޓްއަކީ ފަތުރުވެރިންނަށް ޕްރައިވެސީ އެންމެ ފުރިހަމައަށް ލިބިގެންދާނެ ގޮތަށް ހަދާފައިވާ ސުއިޓްއެކެވެ. މި ސުއިޓްއިން އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފަތުރުވެރިންނަށް ލިބިގެންދާނެކަމަށް ރިސޯޓުން ބުނެއެވެ.

ރިސޯޓުގައި ހަމަޖައްސާފައިވާ ކެއިން ބުއިމުގެ އިންތިޒާމުތަކަށް ބަލާލާއިރު އެކި ބާވަތުގެ ކެއުންތަކަށް ޚާއްސަކޮށްގެން ޖުމްލަ 6 ރެސްޓޯރެންޓް ރިސޯޓުގައި ތަރައްޤީކޮށްފައިވެއެވެ. މީގެ ތެރޭގައި އޯލް ޑޭ ޑައިނިންގ ރެސްޓޯރެންޓަކާއި ތަފާތު ވައްތަރުގެ ބުއިންތަކަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ޕޫލް ބާ އަކާއި ވެޖިޓޭރިއަނުންނަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ވެޖް ރެސްޓޯރެންޓަކާއި މެދު އިރުމަތީގެ ކެއުންތަކަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ރެސްޓޯރެންޓެއްގެ އިތުރުންވެސް 2 ކެފޭއެއް ރިސޯޓުގައި ހުރެއެވެ.

ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންނަށް ޚާއްސަކޮށްގެން ރިސޯޓުން ވަނީ ސްޕޯޓްސް ސެންޓަރެއްވެސް ޤާއިމްކޮށްފައެވެ. މީގެ އިތުރުން އިންޑޯ އަދި އައުޓްޑޯރ އަށް ޚާއްސަކޮށްގެން ތާފާތު ކުޅިވަރު ޕްރޮގްރާމުތައްވެސް ރިސޯޓުގައި ކުރިއަށްދެއެވެ.

ރިސޯޓުގެ އަނެއް ޚާއްސަކަމަކީ ފިޓްނަސްއަށް އިސްކަން ދީފައިވާ މިންވަރެވެ. އެގޮތުން 5 ފިޓްނަސް ސްޓޭޝަނަކާއެކު ދުވާ ޓްރެކެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން މޫދު ކުޅިވަރުތަކަށް ޚާއްސަކޮށްގެން ޑައިވިންގ ސެންޓަރެއްވެސް ރިސޯޓުގައި ހަދާފައިވެއެވެ. ރިސޯޓުން ބުނީ މިކަމަށްޓަކައި ރިސޯޓުގެ 26 ސަރަޙައްދެއްގައި ޑައިވްކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށެވެ.

މާމުޓާ ރިސޯޓަކީ ޕުލްމަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ރާއްޖޭގައި ތަރައްޤީކޮށްފައިވާ ފުރަތަމަ ރިސޯޓެވެ.