ޚަބަރު

އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ދިރާސާކޮށް ނިމިއްޖެ


ރާއްޖޭގެ ކަނޑުތައް ދިރާސާ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ދިރާސާކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މުޅި ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާއެއް ކުރުމަށްވަނީ ފަށާފައެވެ.
މި ދިރާސާގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ހަދާ މި ދިރާސާއަކީ ރާއްޖޭގައި ނޫ އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ، މި ސިޔާސަތަށް ބޭނުންވާ މެރިން ސްޕެޝަލް ޕްލޭނެއް އެކުލަވާލުމަށް ކުރާ ދިރާސާއެކެވެ.

އުތުރުގެ އަތޮޅުތަކުގެ ކަނޑާއި ފަރުތަކުގެ ދިރާސާކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި، މެރިން ރިސަރޗް އިންސްޓިޓިއުޓާއި ރާއްޖޭގެ ބައެއް ޖަމްއިއްޔާތަކުގެ ޑައިވަރުން ހިމެނޭހެން 48 ސަރވޭ ޑައިވްވަނީ ކޮށްފައެވެ. މި ސަރވޭގައި މިހާތަނަށް މެދުރާއްޖެއިން ފެށިގެން އުތުރުގެ 8 އަތޮޅުގައި ކުރިއަށްގެންގޮސްފައިވެއެވެ.

ސަރވޭގައި ރާއްޖޭގެ ކަނޑުގައި އުޅެމުން އަންނަ މަސްމަހާމެހީގެ ބާވަތްތަކާއި، މުރަކައިގެ ދިރުންތަކާއި، އަދި އަންނަމުންދާ ބަދަލުތައް ފާހަގަކުރާނެއެވެ.

މިއީ ރާއްޖޭގެ ހުރިހާ އަތޮޅުތައް ހިމެނޭގޮތަށް 26 ދުވަހަށް ކުރިއަށް ކުރިއަށްގެންދާ ސަރވޭ ޑައިވް ހަރަކާތެކެވެ.

މި ސަރވޭގެ އަލީގައި ތައްޔާރުކުރާ މެރިން ސްޕެޝަލް ޕްލޭނަކީ ކަނޑުތަކުގައި އެކުލެވޭ ގުދުރަތީ ވަސީލަތްތަކާއި، މި ވަސީލަތްތައް ބޭނުންކުރާނެ ގޮތަށް ރިއާޔަތްކޮށް، ކަނޑުތައް ބެލެހެއްޓުމަށް ތަފްސީލީ މެނޭޖްމަންޓް ޕްލޭނެއް ހަދާނެއެވެ.

މިފަދަ ޕްލޭންތަކަކީ ނޫ އިޤްތިޞާދު ކުރިއެރުވުމަށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތަކުގެ ވަސީލަތްތަކުން އިޤްތިޞާދީ މަންފާ ހޯދުމާއި، ކަނޑުތައް ދުޅަހެޔޮގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމެވެ.

މިސަރވޭގެ އިތުރަށްވެސް ރާއްޖޭގެ އުތުރާއި ދެކުނުން ފުންކަނޑުތަކާއި ތިލަ ފަރުތަކުން މުހިންމު މަޢުލޫމާތުތައް ނެގުމަށް މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް ހިންގުމަށްވަނީ ނިންމާފައެވެ.