ކުޅިވަރު

މަޓާގެ ގޯލުން ޔުނައިޓެޑް އަނެއް ބުރަށް، ރަޝްފޯޑަށް އަނިޔާވެއްޖެ


ހުއާން މާޓާ ޖެހި ގޯލުން 1-0އިން ވުލްވަހެމްޓަން ބަލިކޮށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ އަނެއް ބުރަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޮލިޝަޔާ ބުނީ މާޓާ އަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަމަށާއި އޭނާގެ ހުނަރު މި މެޗުގައި ވަރަށް ރަނގަޅަށް ސާބިތުކޮށްދީފި ކަމަށެވެ.

"މިއީ ވަރަށް ހަމަހަމަ މެޗެއް. ދެ ޓީމު ވެސް ވަރަށް އެއްވަރަށް މެޗު ކުޅެމުންދިޔައީ. އެހާ އޯޕަން ގޭމެއް މިއީ. މީގެ ނަތީޖާއެއްގެ ގޮތުން އަހަރުމެންނަށް ފައިދާވި،" ކޯޗު ބުންޏެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފޯޑަށް ވަނީ އަނިޔާވެފަ އެވެ. ސޮލިޝަޔާ ބުނީ ރަޝްފޯޑް ލައްވައި ކުޅުވަން އޭނާ ނިންމި ނިންމުން ގޯސްވެއްޖެ ކަމަށެވެ.

"އަހަރުމެން ޖެހޭ ޓެސްޓްތައް ހަދައިގެން ބަލަން. ފަހަރުގައި އޭނާ އަށް ލިވަޕޫލް މެޗުގައި ނުކުޅެވިދާނެ. އޭނާ އަކީ ވަރަށަ އަވަހަށް ރިކަވާވާ ކުޅުންތެރިއެއް. އެހެންވީމާ ކުޑަތަދެއް ހުއްޓަސް އޭނާ އަށް ކުޅެވިދާނެ. އެކަމަކު އެކަން ޖެހޭނީ ބަލަން،" އާދީއްތަ ދުވަހު އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހޭ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޮލިޝަޔާ ބުންޏެވެ.

އަންނަ ސީޒަނުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް މި މެޗަކީ ޔުނައިޓެޑަށް މުހިންމެ މެޗެކެވެ. ލިވަޕޫލް 14 ޕޮއިންޓްގެ ލީޑަކާއެކު އެއްވަނާގައި އޮތްއިރު ޔުނައިޓެޑް އޮތީ 34 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ. މިއީ ހަތަރުވަނާގައިވާ ޗެލްސީއަށްވުރެ ފަސް ޕޮއިންޓް މަދު އަދަދެކެވެ.