ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ޑިޒައިން އެންޑް ބިލްޑް އުޞޫލުން ފަރެސްމާތޮޑާ އެއަރޕޯޓުގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވެވޭނީ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމަށާއި، މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ބީގެ އުޞޫލުގެ މަތިންކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސްލައްކަ ރުފިޔާ ހުށަހަޅަންޖެހޭއިރު، ބީލަމުގައި ބައިވެރިވުމަށް ފަނަރަސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.
ގދ. ފަރެސްމާތޮޑާގައި އެއަރޕޯޓެއް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވާއިރު، އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ވަނީ އެއްކޮށް ނިންމާލާފައެވެ. ފަރެސްމާތޮޑާގައި ތަރައްޤީކުރަމަށް ހަމަޖެހިފައިވަނީ ބާރަ ސަތޭކަ މީޓަރު ދިގު ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެކެވެ. އެއަރޕޯޓް އެޅުމަށްޓަކާ އެރަށުގެ ފަޅުތެރެއިން ނަވާރަ ޕޮއިންޓް އަށެއް ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެއެވެ.
އާބާދީގައި ބާރަ ސަތޭކައެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާގައި އެއަރޕޯޓު ހެދުމަށްޓަކައި 53 މިލިއަނަށްވުރެ ގިނަ ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. އަދި އެއަރޕޯޓު ހިމެނޭ ސަރަޙައްދުން ފެށިގެން ރަށުގެ ބަނދަރާއި ހިސާބަށް މަގު ހެދުމަށްޓަކާ ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ބަޖެޓްކޮށްފައިވާއިރު، އެއަރޕޯޓާއި ރަށާއި ގުޅުވާލުމަށްޓަކާ ހަދާ ކޯސްވޭގެ މަސައްކަތަށް 17 މިލިއަނަށްވުރެ ގިނަ ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.