މާލޭ ސިޓީގައި ޕާކިންގ ބިލްޑިންގތައް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި އެކަމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީކައުންސިލްގެ މެމްބަރު ހުސެއިން ޒަމީރު ވިދާޅުވީ މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށްވުމުން މިތަނަށް ވަގުތުން ޙައްލު ބޭނުންވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ މާލެ ސިޓީއަށް ދިމާވެފައިވާ ޕާކިންގ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަކީ އަވަސް އަރުވާލައިގެން ކުރެވޭނެކަމެއް ނޫންކަމަށެވެ. އެހެންކަމުން އެކަމަށް ވަގުތު ނަގާނެކަމަށާއި ދާއިމީ ޙައްލެއް ލިބެންދެން ވަގުތީ ގޮތުން މިހާރު ހަދާ ޕާކިންގ އޭރިއާތައް ބޭނުންކުރާނެކަމަށެވެ. ޒަމީރު ވިދަޅުވީ މާލޭގައި ހުރި 4 ސަހަރާ ހުސްކުރުމަށްފަހު އެތަންތަނުގައި ޕާކިންގ ބިލްޑިންގތައް ހެދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މަޝްވަރާތައް ކުރައްވާ އެކަމުގައި މައްސަލައެއް ނެތްނަމަ އެތަންތަނުގައި ޕާކިންގ ބިލްޑިންގ ހެދުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށެވެ. އަދި މިސަރުކާރުގެ ވިސްނުމަކީ މާލޭގައި ވެހިކަލް ތައް މަދުކޮށް ހިނގާބިނގާވެ އުޅެން ހިތްފަސޭހަ ތަނަކަށް މާލެ ހެދުންކަމަށެވެ.
އޭނާ ވިދާޅުވީ ޕާކިންގ އޭރިއާތައް ވަކިން ޚާއްސަކޮށް ސައުކަލުތަކަށް ހެދުމުގެ ސަބަބުން ބައެއް ފަރާތްތަކުން އެކަމާ ޝަކުވާ ކުރަމުންގެންދާކަމަށާއި އެކަން އެގޮތަށް ނިންމަފައިވަނީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށްފަހުގައި ކަމަށެވެ. އޭނާ ވިދާޅުވީ ކާރު ޕާކުކުރުމަށް ބޮޑު ޖާގައެއް ބޭނުންވާކަމަށެވެ. އެގޮތުން އެއްކާރު ޕާކުކުރެވޭތަނުގައި 6 ސައިކަލު ޕާކުކުރުމުގެ ސަބަބުން ބޮޑު ޖާގައެއް މަގުމަތިން ހުސްވެގެންދާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މާލެއަށް ޕަބްލިކް ޓްރާންސްޕޯޓު ތަޢާރަފްކޮށް މާލޭގައި ބޭނުންކުރާ ވެހިކަލްތައް ވަކި ލިމިޓެއްގައި ކޮންޓްރޯލްކުންކަމަށް އެނާ ވިދާޅުވިއެވެ. އެހެންކަމުން މާލޭ ޕާކިންގ އާއި ވެހިކަލް ތޮއްޖެހުމަށް އޮތް މައްސަލައަށް ދާއިމީ ޙައްލެއް މި 5 އަހަރުގެތެރޭގައި ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ބައެއް ސަރަޙައްދުތަކުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުން މިހާރުވެސް ޕާކިންގ ސިސްޓަމްތައް އަންނަނީ ބޭނުންކުރަމުންނެވެ. މާލެ ސިޓީކައުންސިލުން މަސައްކަތްކުރަމުން ގެންދަވަނީ ޕާކިންގ ބިލްޑިންގތަކެއް ތަރައްޤީކުރުމަށް ނަމަވެސް އެއާ ބެހޭ ތަފްސީލެއް އަދި ހާމައެއްނުކުރެއެވެ. ޕާކިންގ ބިލްޑިންގ ހެދުމަށް މަސައްކަތްކުރަމުންދާކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވާއިރު މާލޭގައި ތަރައްޤީކޮށް ހުޅުވަމުން އަންނަ ޕާކިންގ ސަރަޙައްދުތަކާ ގުޅޭގޮތުން ޢާއްމުން އަންނަނީ ޝަކުވާކުރަމުންނެވެ. ސަބަބަކީ މިއީ މާލެ ފަދަ ބިން ކުޑަ ތަނަކަށް އެކަށީގެންވާ ގޮތެއް ނޫންކަމަށް މީހުން އަންނަނީ ބުނަމުންނެވެ.