ޚަބަރު

ރާއްޖޭގެ އެކި ސަރަހައްދުތަކުން އަންނަ އުޅަނދުފަހަރު ބަނދަރުކުރުމަށް ވަކި ސަރަހައްދުތަކެއް މިމަހު ކަނޑައަޅަނީ


މާލެ ސިޓީގައި ކަނޑުއުޅަނދުފަހަރު ބަނދަރުކުރުމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން އަންނަ އުޅަނދުފަހަރާއި އެކި ބޭނުންތަކަށް އަންނަ އުޅަނދުފަހަރަށް ވަކި ސަރަހައްދުތައް މި މަހު ކަނޑއަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލޭގެ ބަނދަރުކުރުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، ސިޓީ ކައުންސިލުން މިހާރުވެސްދަނީ ދެކުނު ފަރާތު ބަނދަރުގައި ފައްތިޔާ ދޫކޮށްގެން ބަނދަރުކުރުމުގެ އިންތިޒާމު ހަމަޖައްސަމުންނެވެ.

މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކުގެ ތަފްސީލް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވަނީ މާލެ ސިޓީގެ ބަނދަރުކުރުމަށް ދިމާވެފައިވާ ދަތިތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މާލެ އަދި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް މިހާރު ފުރިފައިވާއިރު، މިކަމުގެ ދަތި އުނދަގޫ ގިނަ އަދަދެއްގެ ރައްޔިތުން ތަހައްމަލުކުރަމުންދާކަން ޝަމާއު ފާހަގަކުރެއްވިއެވެ.

ޝަމާއު ވަނީ މި މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ބަނދަރުތައް ބޭނުންކުރާނެކަން ޝަމާއު ފާހަގަކުރެއްވިއެވެ. ޝަމާއު ވިދާޅުވީ މާލެ ސިޓީގެ ބަނދަރުކުރުމުގެ މައްސަލަ ހައްލުކުރުމަށް އެކި ސަރަހައްދުތަކުން އަންނަ އުޅަނދުފަހަރާއި އެކި ބޭނުންތަކަށް އަންނަ އުޅަނދުފަހަރު ވަކި ސަރަހައްދުތައް މި މަހު ކަނޑއަޅާނެކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް މެއިން ބްރާންޗްގެ ކުރިމަތީ ފަޅުގެ ސަރަހައްދު އުތުރުގެ އުޅަނދުފަހަރަށް ޚާއްސަކުރުމަށް ނިންމާފައިވާއިރު، ދެކުނުގެ އުޅަނދުތަކަށް އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ކަނޑައެޅުމަށް ނިންމާ މިކަމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި މާލެގެ މަސްވެރިންގެ ޕާކް ސަރަހައްދުގައި ސިޓީ ޓުއަރިޒަމް ތަޢާރަފްކޮށް ކްރޫސްލައިނަރ ތަކާއި ސަފާރީތައް ބަނދަރުކުރުމަށް ޚާއްސަކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި މުދާ އުފުލާ ބޯޓުފަހަރަށް ޚާއްސަ ސަރަހައްދެއް ފައިނަލްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ޑެޕިއުޓީ މޭޔަރ ފާހަގަކުރެއްވިއެވެ.

"ބީއެމްއެލް މެއިން ބްރާންޗްގެ ކުރިމަތީ ފަޅުގެ ސަރަހައްދު އުތުރުގެ އުޅަނދުފަހަރަށް ޚާއްސަކުރުމަށް ނިންމާފައިވާއިރު، ދެކުނުގެ އުޅަނދުތަކަށް އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި މާލެ މަސްވެރިންގެ ޕާކް ސަރަހައްދަކީ ސިޓީ ޓުއަރިޒަމް ތަޢާރަފްކޮށް ކްރޫސްލައިނަރ ތަކާއި ސަފާރީތައް ބަނދަރުކުރުމަށް ޚާއްސަކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފަ." ޝަމާއު ވިދާޅުވިއެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މެޔަރ ވިދާޅުވީ މި ބަނދަރުތައް އިންތިޒާމުކޮށް ތަރުތީބުކުރުމަށްފަހު، ބަނދަރުކުރެވޭނެ ތަފްސީލާއި، އެންމެ ގިނަވެގެން ބަނދަރުކުރެވޭނެ ގަޑި ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބަނދަރުތައް މަރާމާތުކުރަން ކުރަންޖެހޭ މަސައްކަތް އަވަސްކުރުމަށްވެސް މަސައްކަތްކުރަމުންދާކަން ޝަމާއު ފާހަގަކުރެއްވިއެވެ.

އެކި ސަރަހައްދުތަކުން އަންނަ އުޅަނދުފަހަރާއި އެކި ބޭނުންތަކަށް އަންނަ އުޅަނދުފަހަރު ބަނދަރުކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާއިރު، މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ނިންމަވާފައެވެ. މާލޭ ވިޔަފާރި ބަނދަރު މާލެއިން ބޭރަށް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ދިވެހިސަރުކާރަށް ކްރެޑިޓް ފެސިލިޓީގެ ގޮތުގައި 800 މިލިއަން ޑޮލަރު ދެއްވާފައެވެ.