ކުޅިވަރު

ޖިރޫޑް ކުލަބު ބަދަލުކުރަން ޤައުމީ ކޯޗު އެދެފި


ޗެލްސީގެ ފޯވަޑް އޮލީވިއާ ޖީރޫޑް ކުލަބު ބަދަލު ކުރުމަކީ ފްރާންސްގެ ގައުމީ ޓީމަށް ވަރަށް ރަނގަޅު ގޮތެއް ކަމަށް ކޯޗު ޑިޑިއޭ ޑެޝޯން ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުޅޭގެ ފުރުސަތެއް ނުލިބި ޗެލްސީގެ ބެންޗުގައި ޖީރޫޑް އިންނަން ޖެހޭތީ އެވެ.

"އަހަރެން އޭނާއާ ވާހަކަ ދެއްކިން މީގެ ދުވަސްކޮޅެއްކުރިން. އެއިރު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން. އެކަމަކު މިހާރު ހާލަތު ތަފާތުވެއްޖެ. އެކަމަކު ކަންކުރާނެ ގޮތް އެނގޭނީ އޭނާ އަށް. އޭނާ ކުޅުމުގެ ފުރުސަތު ހޯދައިފިނަމަ އެއީ ގައުމީ ޓީމަށް ލިބޭ ޕްލަސް ޕޮއިންޓެއް. މިހާރު (ބެންޗުގައި އިންނަން ޖެހުމަކީ) ދިމާވެގެން އުޅޭ ކަމަކީ އޭނާގެ ކުށެއްނޫން،" ޑެޝޯން ބުންޏެވެ.

ޖީރޫޑަށް ޗެލްސީ ޓީމުން ފުރުސަތު ގެއްލުނީ ކޯޗު ކަމާ ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުންނެވެ.

އިނގިރޭސިވިލާތުގެ އާސެނަލް ދޫކޮށް ޖީރޫޑް ޗެލްސީ އަށް ބަދަލުވީ އިނގިރޭސިވިލާތުގައި ހާއްސަކޮށް ލަންޑަނުގައި ދިރިއުޅެން ބޭނުންވެގެންނެވެ. އެއީ އޭނާގެ ދަރިންނަށް ކިޔަވައިދޭން އެތަނުގައި ހުރުމަށް ބޭނުންވާތީ އެވެ. ނަމަވެސް ކުޅުމުގެ ފުރުސަތު ނުލިބި ބެންޗަށް ބަދަލުވެފައިވާއިރު މިޖެނުއަރީ އޭނާ ކުލަބު ދޫކޮށްލުމަކީ އެކަށީގެންވާ ކަމަށް ކޯޗު ލަމްޕާޑު ވެސް ވަނީ ބުނެފަ އެވެ.

އިޓަލީގެ އިންޓަމިލާނަށް ކޯޗުކޮށްދޭ އެންޓޯނިއޯ ކޮންޓޭ ވަނީ ފުރުސަތު އޮތްނަމަ ޖީރޫޑަކީ އޭނާ ބިޑްކުރަން ބޭނުންވާ ކުޅުންތެރިއެއް ކަމަށް ބުނެފަ އެވެ.