ޓުއަރިޒަމް

ސަރވިސް ޗާޖު ދިނުމުގައި މައްސަލަ އުޅޭ ރިސޯޓްތަކަށް ފިޔަވަޅު އަޅަނީ


ސަރވިސް ޗާޖު ދިނުމުގައި މައްސަލަ އުޅޭ ރިސޯޓްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުން ސަރވިސް ޗާޖު ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރަމުންދާ ޝަކުވާތަކާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، ސަރވިސް ޗާޖު ރިސޯޓްތަކުން ދޭ އުސޫލާއި ދޭ މިންވަރު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި މިދިޔަ އެއް އަހަރުތެރޭގައި އޮޑިޓުގެ މައްސަލަ ފެނުނު ރިޒޯޓުތަކާއި ސަރވިސް ޗާޖުގެ މައްސަލަތައް ފެނުނު ރިސޯޓްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށްވެސް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ސަރވިސް ޗާޖުގެ މައްސަލައިގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ދެއްކެވި ވާހަކަފުޅުގައި "ޓީމް" ނަމަކަށް ކިޔާ ޖަމުޢިއްޔާއަކުން ރިސޯޓް މުވައްޒަފުންގެ ނަމުގައި ނާޖާއިޒް ފައިދާތަކެއް ނަގަން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފެއްގެ ބޮލަކަށް 6.50 ޑޮލަރުގެ ރޭޓުން އެޖަމުޢިއްޔާއަށް ފައިސާ ދިނުމަށް ރިސޯޓްތަކަށް މަޖުބޫރުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއަށް ބާރު އަޅަމުންދާކަމަށް މިނިސްޓަރ ތުހުމަތުކުރެއްވިއެވެ. ނަމަވެސް އެފަދަ ކަމެއްކުރަން ޓުއަރިޒަމް މިނިސްޓްރީން ރިސޯޓްތަކަށް މަޖުބޫރު ނުކުރާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދިި ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ބިރު ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރވިސް ޗާޖު މައްސަލައިގައި އެކި ފަރާތްތަކުން ވާހަކަދައްކަމުންދާއިރު، އެފަދަ ހުރިހާ މައްސަލައެއްވެސް ޓުއަރިޒަމް މިނިސްޓްރީން ބަލަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީން ނިމުނު 2019 ވަނަ އަހަރު ވަނީ ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނެއް ހިންގާ ގޮތް އިންސްޕެކްޓްކޮށްފައެވެ.