ޚަބަރު

ތިލަފުށީގެ ކުނީގެ މައްސަލަ ހައްލުކުރުމަށް އިތުރު 2 ހެކްޓަރުގެ ބިން ހަމަޖައްސަނީ


ތިލަފުށީގެ ކުނި އަޅާ ސަރަޙައްދަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމައްޓަކައި އެ ސަރަހައްދާ އިންވެގެން 2 ހެކްޓަރުގެ ބިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ހާމަކުރައްވައިފިއެވެ.

ވެމްކޯއިން މިކަން ހާމަކުރައްވާފައިމިވަނީ، ތިލަފުށި ކުނިއަޅާ ސަރަހައްދު ފުރި ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ އާދަމް މުޙައްމަދު ވަނީ ތިލަފުށީ ބަނދަރު މަރާމާތުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ތިލަފުށިން ކުނި އުކުމުގައި އުނދަގޫތަކާއި ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން ކުނި ބާޖުތައް ބަނދަރުކުރުމާއި، މޫސުން ގޯސްވުމުގެ ސަބަބުން ވެމްކޯގެ ހެވީ ވެހިކަލްތަކަށް ގެއްލުން ވަމުންދާކަމަށް އާދަމް މުހައްމަދު ވިދާޅުވިއެވެ. އާދަމް މުހައްމަދު ވިދާޅުވީ ތިލަފުށީ ކުނި އުކާ ސައިޓްގައި 21 މިލިއަން ޓަނުގެ ކުނި މިހާރު ހުރިއިރު ކުނި އުކުމުގައި ދަތިތައް ކުރިމަތިވެފައިވާކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް އެ ސަރަހައްދާއި އިންވެގެން 2 ހެކްޓަރުގެ ބިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިކަމާ ގުޅޭގޮތުން މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއެކު މަޝްވަރާކުރަމުންދާކަމަށް ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަންދާޒާ ކުރާ ގޮތުގައި ތިލަފުށި ސައިޓްގައި 21 މިލިއަން ޓަނުގެ ކުނި އެބަހުރި. އެތަނަށް އަރަންޖެހެނީ މާލޭގެ 10 ބުރީގެ އިމާރާތަކަށް އަރާހާ މައްޗަށް. އަދި ބަނދަރު މަރާމާތުކުރުމުގެ ސަބަބުން މަސައްކަތަށް ހުރަސްއެޅޭ. މިކަންކަމަށް ހައްލު ހޯދުމަށް މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއެކު މަޝްވަރާކޮށްގެން 2 ހެކްޓަރުގެ ބިން ހޯދުމަށް މަސައްކަތްކުރަމުންމިދަނީ." އާދަމް މުހައްމަދު ވިދާޅުވިއެވެ.

ވެމްކޯއިން ކުނި އެންދުމުގައި ހުރި ދަތިތަށް ހައްލުކުރުމަށް އައު ވެހިކަލްތަކާއި ވަސީލަތްތައް ޤާއިމުކޮށް ކުނިން ކަރަންޓު އުފެއްދުމަށް މަސައްކަތްކުރަމުންދާކަން އާދަމް މުހައްމަދު ފާހަގަކުރެއްވިއެވެ. އެގޮތުން ޕަވަރ އިންސެނިރޭޝަން މަސައްކަތުގެ ދަށުން 7 މެގަވޯޓްގެ ކަރަންޓު އުފެއްދޭނެކަމަށް ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވިއެވެ.