ވިޔަފާރި

ދުނިޔޭގެ އެކި ހިސާބުތަކަށް 1.1 ބިލިއަން ފަތުރުވެރިން ދަތުރުކުރި


މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމަކީ މިއަދު މުޅި ދުނިޔޭގެ 3 ވަނައަށް އެންމެ ގިނައިން އާމްދަނީ ލިބޭ ސިނާއަތެވެ. މިއާއެކު ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދުވަހަކުން ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ތަފާސް ހިސާބުތަކުން މިކަން ހާމަވެސްވެއެވެ.

ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަންއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދަކީ 1.1 ބިލިއަންއެވެ. މިއީ 2018 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހާއި އަޅާބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ އަދަދުން ބަލާނަމަ 43 މިލިއަންގެ އިތުރުވުމެކެވެ.

މިއަހަރުގެ ތެރޭގައި ދުނިޔޭގެ ފަތުރުވެރިކަން ކުރިއަރާފައިވާއިރު މިއީ ރާއްޖޭގެ ފަތުރުވެރިކަމުގައިވެސް ފާހަގަކޮށްލެވޭ އަހަރެކެވެ. ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައި ވީނަމަވެސް އަހަރު ނުނިމެނީސް އަމާޒަށްވުރެ އިތުރަށް ވަނީ ހާސިލުވެފައެވެ. މިމަހުގެ މެދުތެރޭ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަން ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ އޭޝިއާ ޕެސިފިކް ސަރަހައްދާއި، ޔޫރަޕްގެ ޤައުމުތަކެވެ. ވަކިވަކި މާކެޓްތަކުގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައީ ޗައިނާއިންނެވެ. މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 18.1 އިންސައްތަ ހިއްސާކުރަނީ ޗައިނާއެވެ. ޗައިނާއަށްފަހު ދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއީ އިންސައްތައިން ބަލާނަމަ 9.4 އިންސައްތައެވެ.