6 ރަށެއްގެ ބަނދަރާއި ގުޅުންހުރި މަސައްކަތް ކުރުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި 6 ރަށުގެ ތެރެއިން 4 ރަށެއްގެ ބަނދަރާއި ގުޅުންހުރި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ. އަދި އަނެއް 2 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ ކ. ހިންމަފުށި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި،
ށ. ފޯކައިދޫއާއި، ށ. ފޭދޫ އާއި އދ. ހަންޏާމީދޫގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތެވެ.
މީގެ ތެރެއިން ހިންމަފުށި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 24.6 މިލިއަން ރުފިޔާއަށް އެއް އަހަރުދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި 38 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށްޓަކާއި، 172 މީޓަރުގެ އެއްގަމު ތޮށްޓެއްލުމުގެ އިތުރުން 287 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.
ށ. ފޯކައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 55 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 507 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓަކާއި، 464 މީޓަރުގެ އެއްގަމު ތޮށްޓެއް އަދި 100 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ.
ށ. ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް 33 މިލިއަން ރުފިޔާ ޚަރަދުވާއިރު، މި މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީންދީފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ދަށުން 378 މީޓަރުގެ ބޮޑު ހިލައިގެ ތޮށްޓަކާއި، 280 މީޓަރުގެ އެއްގަމު ތޮށްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ.
އދ. ހަންޏާމީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް 32 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށާއި މި މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން 204 މީޓަރުގެ ބޮޑު ހިލައިގެ ތޮށްޓަކާއި، 266 މީޓަރުގެ އެއްގަމު ތޮށްޓެއްލުމުގެ އިތުރުން 160 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ.
ހެވީ ފޯސް ޕްރައިވެޓް ލިމިޑެޓާއި ޙަވާލުކޮށްފައިވާ ދެ މަޝްރޫޢުގެ ތެރެއިން ރ. ރަސްގެތީމު ޖެޓީއާއި ބަނދަރު ހެދުމުގެ މަޝްރޫޢަށް 50 މިލިއަން ރުފިޔާ ޚަރަދުވާއިރު، މި މަސައްކަތަށް ދީފައިވަނީ 420 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ދަށުން 359 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓަކާއި، 272 މީޓަރުގެ އެލް ބްލޮކް އެއްގަމު ތޮށްޓެއް ޖެހުމުގެ އިތުރުން 140 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ވަނީ ނިންމާފައެވެ.
އދ. ދިއްދޫ ބަނދަރު ހެދުމުގެ މަސައްކަތަށް 21 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ދަށުން 272 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓަކާއި، 196 މީޓަރު އެލް ބްލޮކް އެއްގަމުތޮށި ޖެހުމާއި، 33 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ. މި ދެ ރަށުގެ މަސައްކަތްވެސް ހެވީ ފޯސްއާއި ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ވިދާޅުވެއެވެ.