ނޫމަޑިން ތ. ވިލުފުށީގައި އަޅަން ފަށާފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަލުން ފެށުމަށްޓަކައި އެސެސްމެންޓް ހަދަން ފަށައިފިއެވެ.
ހައުސިންގ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް އެ މިނިސްޓްރީއަކުން ދީފައެއްނުވެއެވެ.
ޕްރައިވެޓް ވިލާ މޮޑެލްއަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 600 ހައުސިންގ ޔުނިޓު އެޅުމަށް ސަރުކާރުން ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސަސް އޭޖީއާއި ހަވާލުކުރި މަޝްރޫޢުގެ ދަށުން ވިލުފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ވަނީ ހުއްޓިފައެވެ.
ވިލުފުށީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓްތަކާގުޅޭގޮތުން ހައުސިންގ މިނިސްޓަރ ޢާޠިފާ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވަނީ 100 ހައުސިން ޔުނިޓްގެ ތެރެއިން 64 ހައުސިން ޔުނިޓުގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާކަމަށެވެ. އޭގެތެރެއިން 32 ހައުސިން ޔުނިޓްގެ ފުރާޅުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ބާކީ ހުރި ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމާއި ގުޅިގެން އެކުންފުނިން ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް ސަތޭކަ ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރާއި، އާބިޓްރޭޝަނާގުޅޭ އިތުރު ޚަރަދުތައް ހޯދުމަށް އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހަޅާފައެވެ.
މި ދެ މައްސަލަ އާބިޓްރޭޝަނުން ބޭރުގައި ޙައްލުކޮށް ސެޓްލްމަންޓް އެގްރީމެންޓެއްގައި ދިވެހި ސަރުކާރާއި ނޫމަޑިން ސޮއިކޮށްފައިވަނީ 25 އޮގަސްޓު 2019 ގައެވެ. ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހަޅާފައިވާ އާބިޓްރޭޝަން މައްސަލަތައް ހިމެނޭގޮތުން، ފޭސް އެކެއްގެ އެއްބަސްވުމާއި ފޭސް ދޭއްގެ އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތައް ޙައްލުކޮށްފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓްލްމަންޓްގެ ގޮތުގައި ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެއްބަސްވެގެންނެވެ.