ތަރައްްޤީ

އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމާއި، ދެ ރަށެއްގެ ބިން ހިއްކުމާ ގުޅޭ މަސައްކަތް ހަވާލުކޮށްފި


ދެ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިނާއި އީ.އައި.އޭގެ މަސައްކަތާއި، އެއް ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި ރ. އަލިފުއްޓާއި، ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިން އާއި އީ.އައި.އޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލޭންޑް އެންޑް މެރިން އެންވަޔަރަންމަންޓަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނިން މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޖޮއިންޓް ވެންޗަރ ޢުސޫލުން ރިޔަން ޕްރައިވެޓް ލިމިޓެޑާއެކުއެވެ.

51 އެއް ދުވަހުގެ ތެރޭގައި އަލިފުއްޓާއި، ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ޑިޒައިން ކުރުމާއި، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކުރުމުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ދުއިސައްތަ ހަތާވީސް ހާސް ދުއިސައްތަ އަށް ރުފިޔާއަށެވެ.

މީގެ އިތުރުން ލ. އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ. 330 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫޢަށް 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢު ދަށުން އިސްދޫގައި 160 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ލުމާއި، 48 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމުގެ އިތުރުން 98 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ފުން ކުރުމާއި، ނެރު ފުންކުރުމާއި، ނެރުބައްތި ހަރުކުރުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، ބަނދަރާއި އިންވެގެން ޕޭވްމަންޓް މަގެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.