މާލެއިން ބޭރުގައި ހަދާ ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލް "އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް"ގެ ޚިދުމަތް އަންނަ އާދީއްތަދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ މިއަދު އެހޮސްޕިޓަލްގެ މަސައްކަތްކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.
ނައިބު ރައީސް ފައިސަލް ނަސީމް "އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް"އަށް ކުރެއްވި ޒިޔާރަތުގައި އެހޮސްޕިޓަލްގެ އިސް ބޭފުޅުންނާއި، ހޮސްޕިޓަލްގެ މުޢައްޒަފުންނާއި ބައްދަލުކުރައްވައި، ހޮސްޕިޓަލް ހުޅުވާއިރު ލިބެން ހުންނާނެ ޚިދުމަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް އާދީއްތަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިހާރު ވަނީ ހޮސްޕިޓަލްގެ އިދާރީ މަސައްކަތްތައް ފަށާފައެވެ. ހޮސްޕިޓަލް ހުޅުވާއިރު ފުރަތަމަ ފަށަނީ އާއްމު ބަލިތަކުގެ ޚިދުމަތްތައް ނަމަވެސް، ސްޕެޝަލިސްޓް ބައެއް ޑޮކްޓަރުންގެ ޚިދުމަތްވެސް ލިބޭނެކަމަށް ހޮސްޕިޓަލްގެ މެނޭޖްމަންޓުން ބުނެއެވެ.
ހޮސްޕިޓަލްގެ މުއައްޒަފުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ހޮސްޕިޓަލަކީ އަތޮޅުތަކުގެ ޞިއްޙީ ނިޒާމު ރަނގަޅުކުރުމުގެ ފެށުންކަމަށެވެ. އަދި މިކަމުގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާ ހޯދަން މާލެއާއި ބޭރު ޤައުމުތަކަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރެވޭނެކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
"މި ފެށީ ވަރަށް މުހިންމު މަސައްކަތެއް. މި ހޮސްޕިޓަލާއެކު މުޅި ދެކުނުގެ ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލެއް އަންނާނެ. ސަރުކާރުގެ އަމާޒަކީ މުޅި ރާއްޖެއަށް، މުޅި ޞިއްޙީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުން." ފައިސަލް ނަސީމް ވިދާޅުވިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. މީގެތެރޭގައި ޕްރައިވެޓް 6 ކޮޓަރިވެސް ހިމެނެއެވެ. ހޮސްޕިޓަލްގެ ޚިދުމަތް ފަށާއިރު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުން ޚިދުމަތްދޭނެއެވެ. އަދި 73 ނަރުހުން މަސައްކަތްކުރާނެއެވެ.
ހޮސްޕިޓަލްގެ ޚިދުމަތްތައް މުޅިން ފެށުމުން ކާޑިއޯ، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ޑެންޓަލް، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައްވެސް ފަށާނެއެވެ. އަދި ބޮޑެތި ބަލިތަކަށް ތަޙްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންކުރުންވެސް ހޮސްޕިޓަލުގައި ކުރިއަށްދާނެއެވެ. މި ޚިދުމަތްތައް ދިނުމަށް ބޭނުންވާ މެޝިންތައް އިންސްޓޯލްކޮށް ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކި އަތޮޅުތެރޭގައި ޤާއިމްކުރާ ހަދާ ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލެވެ. 2016 ވަނަ އަހަރު ފެށި މިމަޝްރޫޢަކީ 160 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢެެކެވެ.