ތަޢުލީމު

ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް އޭޑީކޭއިން ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލައިފި


ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ދޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނީ، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލުމަށް އެ ހޮސްޕިޓަލުން ނިންމާފައިވާކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާއިން ދިވެހި ޒުވާނުން ތަމްރީންކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ޕޯސްޓްގްރެޖުއޭޓް ސްކޮލަރޝިޕްގެ 5 ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެއެވެ.

މި ފަސް ފުރުޞަތުގެ ތެރެއިން، ތިން ފުރުޞަތެއް ޚާއްސަކުރާނީ ސްޕެޝަލިޓީ ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށްކަމަށާއި، 2 ފުރުޞަތެއް ޚާއްސަކުރާނީ ސުޕަރ ސްޕެޝަލިޓީގެ ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށްކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެއެވެ. ސްޕެޝަލިޓީ ދާއިރާއިން ސްކޮލަރޝިޕަށް ހުޅުވާލާފައިވަނީ އިންޓަރނަލް މެޑިސިން، އެމެޖެންސީ މެޑިސިން އަދި ހޭނައްތާ ބަލީގެ ދާއިރާއިންނެވެ. ސުޕަރ ސްޕެޝަލިޓީގެ ގޮތުގައި ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވަނީ ގޭސްޓްރޯއިންޓްރޮލޮޖީއާއި، ރޫމޮޓޮލޮޖީ ދާއިރާއިންނެވެ.

މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް، އެ ފުރުޞަތު 10 ޖެނުއަރީ 2019 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ސްލޮޓްތަކަށް ކުދިން ހަމަޖެއްސުމުގައި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ތަޢުލީމުދޭ މަރުކަޒަކުން ޕްލޭސްމަންޓް ކަށަވަރުކޮށްފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި އިސްކަންދެވޭނެކަމަށްވެސް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެއެވެ.