ޚަބަރު

އެމެރިކާއިން އަފްޣާނިސްތާނުގައި ހަނގުރާމައިގެ ކުށްތައް ހިންގިކަމަށް ތުޙުމަތުކޮށްގެން ނުވާނެ: ޓްރަމްޕްގެ ވަކީލު


އެމެރިކާއިން އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި ޖަރީމާތައް ހިންގާފައިވާކަމަށް ބުނެ، ތުޙުމަތުތައް ކޮށްގެން ނުވާނެކަމަށް އެމެރިކާ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވަކީލަކު ވިދާޅުވެއްޖެއެވެ. އެމެރިކާ ރައީސްގެ ވަކީލު މިހެން ވިދާޅުވެފައި މިވަނީ އަފްޣާނިސްތާނުގެ ހަނގުރާމައިގައި މިހާތަނަށް ހިންގާފައިވާ އެކި އެކި ޖަރީމާތައް އިތުރަށް ތަޙްޤީޤުކުރުމަށް އެދި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގެ ވަކީލުން އެ ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕްގެ ވަކީލު ސެކޫލޯ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގައި މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ އެމެރިކާއަކީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގެ މެމްބަރަކަށް ނުވާއިރު އެ ކޯޓުގެ ވަކީލުން މިފަދަ ތަޙްޤީޤެއް ހިންގައިގެން ނުވާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގެ އަސާސީ ޤަވާއިދުތައް ބުނާގޮތުން އެ ކޯޓުން މިފަދަ ތަޙްޤީޤެއް ކުރަންޖެހޭނީ ޤައުމަކުން އެދިގެން ނުވަތަ މިފަދަ ތަޙްޤީޤެއް ހިންގޭނެފަދަ ޤާބިލްކަން ޤައުމެއްގެ ކިބައިގައި ނެތް ޙާލެއްގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމެރިކާއިން ވަނީ މި ފަދަ ތުޙުމަތުތައް ތަޙްޤީޤުކުރެވޭނެ ކަމާއި ތަޙްޤީޤު ކުރަން ބޭނުންކަން މީގެ ކުރިންވެސް ސާބިތުކޮށްދީފައިވާކަމަށް ސެކޫލޯ ވިދާޅުވިއެވެ. އެހެންކަމުން، މިސަބަބަށްޓަކައިވެސް މި މައްސަލަ ބާޠިލް ކުރަން ޖެހޭނެކަމަށް ސެކޫލޯ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި އަނިޔާ ލިބުނު ފަރާތްތައް ކޯޓުގައި ތަމްސީލުކުރާ ވަކީލުން ބުނެފައިވަނީ އެ ޤައުމުގައި ހިންގާފައިވާ ޖަރީމާތައް އިތުރަށް ތަޙްޤީޤުކުރުމުގެ ފުރުސަތު ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ދޭންޖެހޭކަމަށެވެ.