ތަރައްްޤީ

ހިތަދޫ އާއި ތިނަދޫގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައް ހިމެނޭ ސަރަޙައްދުގެ ލޭންޑްސްކޭޕް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ


އައްޑޫ ސިޓީ ހިތަދޫ އާއި ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހިމެނޭ ސަރަހައްދުގެ ލޭންޑްސްކޭޕް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ހައުސިންގ ޔުނިޓާއި، ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ 120 ހައުސިންގ ޔުނިޓް ހިމެނޭ ސަރަޙައްދުގެ ލޭންޑްސްކޭޕް ޑީޓެއިލް ޑިޒައިންކޮށް ތަރައްޤީކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

މި 2 މަޝްރޫޢުގެ ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނިކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ނެޝެނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުގެ މަތިންކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ހިތަދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހިމެނޭ ސަރަޙައްދުގެ ލޭންޑް ސްކޭޕް މަސައްކަތްކުރުމުގެ މަޝްރޫޢަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ފަންސާސް ހާސް ރުފިޔާ ހުށަހަޅަންޖެހޭއިރު، މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިނަދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހިމެނޭ ސަރަޙައްދުގެ ލޭންޑް ސްކޭޕް މަސައްކަތްކުރުމުގެ މަޝްރޫޢަށް އަށްޑިހަ ހާސް ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭއިރު، މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިތަދޫއާއި ތިނަދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހިމެނޭ ސަރަޙައްދުގެ ލޭންޑްސޭކެޕް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފައި ވާއިރު، އެ ފްލެޓްތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި، ފްލެޓްތައް ހައްޤުވާ ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.