ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވާލަނީ


ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

މި ފުރުސަތު ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަން ނިންމާ، އެކަން ވަނީ ގެޒެޓްގައި ޝާއިޢުކޮށްފައެެވެ. އެގޮތުން މިކަމަށް އެދޭ ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު އަށަކުން މެންދުރު ދޭކަށް މާލެ ސިޓީ ކައުންސިލުން ލިބެންހުންނާނެކަމަށް ގެޒެޓުގައިވެއެވެ. އަދި ފޯމް ބަލައިގަންނާނީ ޑިސެމްބަރުމަހުގެ އެއް ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބޭނެކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމައިފައިވާއިރު، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ޢަދަދު އިތުރުކޮށް، ގޮޅިތައް ދޫކުރުމާގުޅޭ އުޞޫލުތައް ވަރަށް އަވަހަށް އާއްމުކުރާނެކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވަނީ ވިދާޅުވެފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ސައިޒާމެދު ކައުންސިލް މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ސިޓީ ކައުންސިލްގެ މިހާރުގެ ވިސްނުންހުރީ އެތަނުގައި ޖާގައޮތް މިންވަރަކުން ވީހާވެސް ގިނަ ގޮޅި ދޫކުރަންކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހިން ބޭނުންކޮށްގެން ގޮޅިތައް ހިންގުމަށް ޝަޢުގުވެރިވާ ވިޔަފާރިވެރިންނާއި މާލޭ ސިޓީ ކައުންސިލުން ދާދިފަހުން ބައްދަލުކޮށް، އެކަމުގައި ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދާފައިވާއިރު، އެ ބައްދަލުވުމުގައިވެސް ވިޔަފާރިވެރިން ވަނީ މާރުކޭޓް ގޮޅިތަކުގެ ސައިޒާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.