ވިޔަފާރި

ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭގޮތުން ފިންލެންޑުގެ ވިޔަފާރިވެރިންނަށް މަޢުލޫމާތުދެއްވައިފި


ރާއްޖޭގައި ހުރި އިންވެސްޓުކުރުމުގެ ފުރުސަތުތަކާއި ގުޅޭގޮތުން ފިންލެންޑްގެ ވިޔަފާރިވެރިންނާއެކު ފޮރިން މިނިސްޓަރ މަޝްވަރާކޮށްފިއެވެ.

ރާއްޖެއިން ފިންލޭންޑާއި އެކު މި މަޝްވަރާތަށް ކޮށްފައި މިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފިންލޭންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފިންލެންޑްގެ ޗެމްބަރ އޮފް ކޮމާސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިޤްތިޞާދީ ފުރުސަތުތަކުގެ މަޢުލޫމާތު ފިންލޭންޑްގެ ވިޔަފާރިވެރިންނާއި ހިއްސާކުރައްވާފައެވެ. ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ، އިތުބާރު ހިފޭ ޕްރައިވެޓް ފަރާތްތަކާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ސަރުކާރެއްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ފިންލޭންޑްގެ ކުންފުނިތަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިފަދަ ހަކަތައަކީ ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ވަރަށް މުހިންމު ހަކަތައިގެ ނިޒާމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދުވަނީ މި ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅަށްފަހު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިއާދް ހަމީދްވަނީ، ރާއްޖޭގައި އިންވެސްޓުކުރަންވީ ސަބަބުތައް ތަފްސީލްކޮށް، "އިންވެސްޓިންގ އިން މޯލްޑިވްސް"ގެ ނަމުގައި ޙާއްސަ ޕްރެސެންޓޭޝަންއެއް ދީފައެވެ. މި ބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ފިންލޭންޑްގެ ވިޔަފާރިވެރިންވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާކަން ހާމަކޮށްފައެވެ.

މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުގައި އެމަނިކުފާނުވަނީ، މެރިނެޓެކް ފިންލޭންޑްގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. ފްލޯޓިންގް ސޮލިއުޝަންގެ ކޮންސެޕްޓް ގެންގުޅޭ މި ވިޔަފާރިއާއިއެކު ކުރި މި މަޝްވަރާތަކުގައި މިނިސްޓަރ ޝަހިދުވަނީ ރާއްޖޭގައި ދެމެހެއްޓެނިވި މެރީނާތައް ޤާއިމުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން މިނިސްޓަރ ޝާހިދުވަނީ މަޝްހޫރު ޓެކްނޮލޮޖީ ޖަޔަންޓް ވަޓްސިލާ ކުންފުނިން އެރުވި މެންދުރުގެ ފަރިއްކޮޅެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓުއީޓް