ކުޅިވަރު

ބާސްކެޓު ބޯޅަ އަތުން ދޫނުވި، ސޮއްފަ!


ކުޅިވަރުގެ އާއިލާއަކަށް އުފަން މަރިޔަމް ސޮއްފާ ޙަސަނަކީ ވިކްޓްރީ ސްޕޯޓްސް ކުލަބްގެ ޑިފެންޑަރަކަށް ކުޅުނު ޙަސަން މުފީދުގެ ދަރިއެކެވެ. ފުޓްބޯޅަ އާއިލާއަކަށް އުފަން ސޮއްފަ ނިންމީ ބާސްކެޓުން ކުރިއަށްދާށެވެ. އުމުރުން 9 އަހަރުގައި ބާސްކެޓް ކުޅުމަށް ލޯބިޖެހި ޢިމާދުއްދީން ސްކޫލުގައި ތަޢުލީމް ހާސިލް ކުރަމުންދިޔަ ދުވަސްވަރު ބާސްކެޓް ކުޅެން ފެށިއެވެ. ސޮއްފަ އެންމެ ފުރަތަމަ ބާސްކެޓްގެ ތެރެއަށް ނުކުތީ ޢިމާދުއްދީން ސްކޫލުގެ އިންޓަރ ކުލާސް މުބާރާތުންނެވެ. ސްކޫލުގައި އެކިކުދިން އެކި ކުޅިވަރު ކުޅުމަށް ލޯބި ކުރަމުންދިޔައިރުވެސް 9 އަހަރުގެ ސޮއްފަ އަތުން ބާސްކެޓް ބޯޅަ ދުލެއް ނުވިއެވެ. ސޮއްފަ އަތުގައި އިތުރު އެެހެން އެއްވެސް ކުޅިވަރެއްގެ ބޯޅައެއް ހަރެއް ނުލިއެވެ. ބާސްކެޓުގައި ކުރިއަށްދިއުމަށް ނިންމާ، ސޮއްފަ ވަނީ ގްރޭޑް 5ގައި ކިޔަވަމުން ބާސްކެޓު ބޯޅައިގެ ވައިޑީޕީއާ ގުޅިފައެވެ.

ޖެހިގެން އައި އަހަރު ގެރޭޑް 6ގައި ކިޔަވަމުން އެންމެ ފުރަތަމަ އިންޓަރ ސްކޫލް މުބާރާތެއްގައި ސޮއްފަ ކުޅުނެވެ. ޢިމާދުއްދީން ސްކޫލުން އަމީނިއްޔާއަށް ބަދަލުވެގެންވެސް އިންޓަރ ހައުސް އާއި އިންޓަރ ސްކޫލްގެ ގިނަ މުބާރާތްތައް ކުޅެމުން ގޮސް އެންމެ ފުރަތަމަ ސޮއްފަ ކުލަބް ލެވެލްގައި ކުޅެންފެށީ އަމީނިއްޔާ ސްކޫލް ގްރޭޑް 10އެއް ނިންމުމަށްފަހުއެވެ. އެގޮތުން ކުލަބް ލެވެލްގައި އެންމެ ފުރަތަމަ މުބާރާތެއްގައި ކުޅެފައިވަނީ އުމުރުން 16 އަހަރުގައެވެ. ސޮއްފަ އެންމެ ފުރަތަމަ ކުޅުނީ ހަރިކޭންއަށެވެ. ހަރިކޭންގެ އިތުރުން އޭނާވަނީ ޔޫތު ސްޕޯޓްސް ކުލަބާއި ސައިކުލޯން ބާސްކެޓް ބޯލް ކުލަބަށް ވެސް ކުޅެފައެވެ. ސޮއްފައަށް އެންމެ ފުރަަތަމަ ގައުމީ ޓީމުން ޖާގަ ލިބުނީ 2016ވަނަ އަހަރުގެ މާޗް މަހުގައި ނޭޕާލްގައި ބޭއްވި ސާބާ މުބާރާތުންނެވެ. ސާބާ މުބާރާތަށް ނެގި ޓީމުން ސޮއްފައަށް ފުރުސަތު ލިބުނީ އޭނާގެ އުމުރުން 16 އަހަރު އެވެ. ޤައުމީ އަންހެން ބާސްކެޓް ޓީމަށް ކުޅުމަކީ ސޮއްފަ އަބަދުވެސް ދެކޭ ހުވަފެނެކެވެ. ސޮއްފަ ބުނީ ގައުމީ ޓީމުން ފުރުސަތު ލިބޭނެކަމަށް އުއްމީދުވެސް ނުކުރާކަމަށާއި ޓީމަށް ހޮވުމުން ވަރަށް އުފާވިކަމަށެވެ.

"އެންމެ ފުރަތަމަ ޤައުމީ ޓީމަށް ހޮވުނުކަން އެގުނީ ގައުމީ ސްކޮޑްގެ ފަރިތަކުރުންތައް ނިންމާލުމަށްފަހު، ކޯޗު ޤައުމީ ޓީމަށް ހޮވުނު ކުޅުންތެެރިން އިޢުލާނު ކުރުމުން. އެވަގުތު ސޮއްފަގެ ނަން ގޮވުމުން ވަރަށް އުފާވި. އަސްލު އެއުފާވެރިކަން ކިޔައިދޭކަށް ނޭނގޭ، އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުންމީދެއް ހަޤީގަތަކަށް ބަދަލުވެގެން ދިޔައީ. އުފަލުން ގޮސް އެންމެ ފުރަތަމަވެސް ޤައުމީ ޓީމަށް ހޮވުނުކަން ބުނީ އާއިލާ މީހުން ކައިރީގަ. މަންމަ އަދި ބައްފަވެސް އަސްލު ވަރަށް ސަޕޯޓް ކުރޭ ސޮއްފައަށް. ކުރިން ބައްޕަ ފުޓްބޯޅަ ކުޅެފައިވުމުން، ބައްޕައަށް އެނގޭ ކުޅުމުގެ ތެރޭގައި ހުންނަ ކަންކަން. އަބަދުވެސް ބައްޕަ ބުނާނެ މެޗަށް ދާއިރުވެސް މެޗުން މޮޅުވާން. އަސްލު ވަރަށް އުފާވޭ، އާއިލާ މީހުން ސޮއްފަ އެހާ ކުރާހިތްވާ ކަމަކަށް ސްޕޯޓް ކުރާތީ." ސޮއްފަ ބުންޏެވެ.

ސޮއްފަ ބުނީ އާއިލާއިން ބޭރުން، ބާސްކެޓް ކުޅުންތެެރިންގެ ތެރެއިން ރާއީ އަބަދުވެސް ސޮއްފައަށް ވަރަށް ރަނގަޅުކަމަށެވެ. މެޗް ނިމުމުން އަބަދުވެސް މިސްޓޭކުތައް ބުނެދީ، ރަނގަޅު ކުރަންޖެހޭ ކަންކަން ރާއީ ބުނެދޭކަމަށް ސޮއްފަ ބުންޏެވެ. ބަސްމަދު، ލަދުރަކި މިޒާޖެއްގެ ސޮއްފަ ބުނީ އެންމެ ފުރަތަމަ ޤައުމީ ޓީމަށް އެރުމުން ސީނިއަރ ކުޅުންތެެރިންދެކެ ޖެހިލުންވިކަމަށެވެ. ސީނިއަރ ކުޅުންތެެރިއެއް ކައިރީ އެއްޗެެއް އަހާލަންވެސް ނުކެރި ހުންނަ ކަމަށް ސޮއްފަ ބުންޏެވެ. ނަމަވެސް ހީކުރި ގޮތާ ޚިލާފަށް ސީނިއަރ ކުޅުންތެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދިޔަކަމަށާއި ރަގަނޅު ކުރަންވީ ގިނަ ކަންކަން އެ ކުޅުންތެރިންގެ ފަރާތުން ދަސްވެގެންދިޔަކަމަށް ސޮއްފަ ބުންޏެވެ. 

ޤައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމާއެކު ސާާބާ މުބާރާތުގައި ވާދަކޮށް އުމުރުން 16 އަހަރުގައި ސޮއްފަވަނީ ބުރޯންޒް މެޑަލް ހޯދާފައެވެ. އަދި ގައުމީ އަންހެން ޓީމްއާއެކު ސޮއްފަ މިހާތަނަށް ކުޅުދުއްފުށްޓާއި ތައިލެންޑްގައި ކޭމްޕުކޮށްފައި ވެއެވެ. ސޮއްފަ މިހާރު ގެންދަނީ 13 ވަނަ ސައުތު އޭޝިއަން ގޭމްސަށް ތައްޔާރުވުމަށް ޤައުމީ ޓީމާއެކު ޗައިނާގައި ކޭމްޕު ކުރަމުންނެވެ. ޗައިނާގެ ކޭމްޕުގައި ކުޅުނު ފުރަތަމަ މެޗުގައި ސޮއްފަވަނީ މޮޅު ކުޅުމެއް ދައްކާ ކޯޗުންގެ އިތުބާރު ހޯދާފައެވެ. ޒުވާން އުމުރުގައި ޗައިނާގެ ފިނި މާހައުލުގައި މެޗަށް އަރާ ސޮއްފަވަނީ އެންމެން ސިއްސުވާލާފައެވެ. އެ މެޗުގައި ދިވެހި ޓީމު މޮޅުކޮށްދިނުމުގައި ސޮއްފަގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ. މި މެޗުގައި ސޮއްފަ އެންމެ ބޮޑަށް ފާހަގަވީ "3 ޕޮއިންޓް" އަޅާ ކުޅުންތެެރިއެއްގެ ގޮތުގައެވެ.

"މެޗަށް އެރިއިރު މެޗު އުނދަގޫވާނެކަން އެނގޭ. ޗައިނާގެ ފިނީގައި ކުޅެންވެސް އުދަގޫވާނެކަން އެނގޭ. ނަމަވެސް ބާސްކެޓް ކުޅޭ ހިއްވާލެއް ބޮޑުކަމުން އެހެން އެއްވެސް ކަމަކަށް ނުވިސްނޭ. އަބަދުވެސް ވިސްނަނީ ކުޅުމަށް. އެހެންވެ މެޗަށް އަރާފަވެސް ވިސްނީ ވީ އެންމެ ރަނގަޅަކަށް ކުޅުމަށް. މެޗަށް އެރީވެސް ވަރަށް ގޯގައި ހުރެގެން. ބޭނުން ވީ ވީހާވެސް ގިނަ ޕޮއިންޓް ޓީމަށް ހޯދަދޭން." ސޮއްފަ ބުންޏެވެ.

ހަމައެކަނި ބާސްކެޓް ކުޅެން ބޭނުންވެގެން، އެހެން އެއްވެސް ކުޅިވަރެއް ނުކުޅޭ ސޮއްފަ ފާހަގަކުރީ، ޤައުމީ ޓީމްއާއެކު ލިބުނު ފުރުސަތުތަކަކީ ބާސްކެޓްގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައެވެ. އުމުރުން މިހާ ހަގު ކުޅުންތެރިއަކަށް މިފަދަ ފުރުސަތެއް ލިބޭނެކަަށް މީގެ ކުރިން ސޮއްފަ ހީވެސް ނުކުރެއެވެ. ސޮއްފަ ބުނީ މިއީ ބާސްކެޓުން ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ބާސްކެޓް ފިޔަވާ އެހެން އެއްވެސް ކުޅިވަރަކުން ނުފެންނާނެކަ މަށާއި އަބަދުވެސް ކުޅޭނީ ބާސްކެޓް ކަމަށް ޒުވާން ކުޅުންތެރިޔާ ސޮއްފަ ބުންޏެވެ.