ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ރާއްޖެއިން ކުރާ މަސައްކަތަށް، އދ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާއޯ ޖަންގް ތަޢުރީފްކުރައްވައިފިއެވެ. ސަފީރު އެފަދައިން ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި އިގުތިޞާދާބެހޭ ފޯރަމް އާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ރާއްޖޭގައި މިފަދަ ކޮންފަރެންސެއް ބޭއްވުމާއި، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ސަފީރު ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދާ ފޯރަމްގައި ކުރިއަށްދާ މަޝްވަރާތަކަކީ ރާއްޖެފަދަ ޤައުމުތަކަށް ވަރަށް ބޭނުންތެރި އަދި މާނަހުރި ކަމެއްގެ ގޮތުގައި ސަފީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ސިޑްސް ގައުމުތަކުގެ މެދުގައި ހުރި އެއްގޮތް ގޮންޖެހުންތައް ހިއްސާކޮށް، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުން ތަފާތު ފުރުސަތުތައް ހުޅުވިގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއަކީ މެދު ފަންތީގެ މަތީ އާމްދަނީ ލިބޭ ގައުމަކަށް ވީނަމަވެސް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން (އޭޑީބީ) ދާދިފަހުން ދޫކުރި ލޯނުގައިވެސް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ލިބޭ ފަދަ ލުއި ރޭޓުތަކެއް ލިބިފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ. މިފަދަ ލުއި ގޮތްތަކެއް ހަމަޖެހިގެންދިޔަ މައިގަނޑު ސަބަބަކީ ރާއްޖެއަކީ ސިޑްސް ގައުމަކަށްވުންކަމަށާއި، ސިޑްސް ގައުމުތަކުން އެކުވެގެން، މާލީ އެހީތެރިކަން ހޯދުމަށް ކުރާ މިފަދަ މަސައްކަތްތައް އިތުރަށް ފުޅާކުރަންޖެހޭކަމަށް ސަފީރު ވިދާޅުވިއެވެ.
ހަމައެހެންމެ އިއާދަކުރަނިވި ހަކަތަ، އޭއައި ނުވަތަ އައިޓީގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދިއްޖެނަމަ، ސިޑްސް ގައުމުތަކުގެ މުޅި މަންޒަރު ބަދަލުކޮށްލެވޭނެކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މި ގައުމުތަކަށް ހުރި ގޮންޖެހުންތަކަކީ ތަރައްގީއަށް ބޭނުންކުރެވޭނެ ވަސީލަތްތަކަކަށް ހަދައި، މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހޭނުމަށް މަގުފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސިޑްސް ގައުމުތަކުގެ ތަރައްގީއަށް އެންމެ އެކަށީގެންވާ ލުއި ގޮތްތަކެއްގައި މާލީ އެހީތެރިކަން ހޯދޭނެ މަގުތައް ހޯދަންޖެހޭކަމަށެވެ.
"މިސާލަކަށް، ރާއްޖޭގައި ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރަނީ ތެޔޮ. އެހެންނަމަވެސް، މިހާރު ސޯލާ ޕެނަލް ފަދަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން، ތެލާއި ޕެޓްރޯލަށް ބަރޯސާނުވެ ހަކަތަ އުފެއްދުމުގެ ފުރުސަތު ވަނީ ފަހިވެފަ. މީގެ އިތުރުން، ޑްރޯން ޓެކްނޮލޮޖީއާއި، ތަކެތި ފޯރުކޮށްދިނުމުގެ ޒަމާނީ ވަސީލަތްތަކާއި، އައިޓީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ދާއިރާތައް ދަނީ ދުވަހުން ދުވަހަށް ކުރިއަރަމުން." އދ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާއޯ ޒަންގް ވިދާޅުވިއެވެ.
މި ހުރިހާ ކަމަކީވެސް ސިޑްސް ގައުމުތަކުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ލިބޭ ތަފާތު ފުރުސަތުތައް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ދަތުރުފަތުރާއި ގުޅާލުމުގައި ހުރި ދަތިތަކާއި، ހަކަތައަށް ހިނގާ ބޮޑު ހޭދަ ފަދަ ޒަމާންވީ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިވެގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ. މީގެއިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ތަފާތު ގޮތްގޮތުން ކުރިއެރުން ހޯދުމުގެ ފުރުސަތު އެބައޮތްކަމަށާއި، މިހާރު ކުރިމަތިވަމުންދާ ޖިއޮގްރަފީ ގޮންޖެހުންތަކުން އަރައިގަތުމަށް އައު ޓެކްނޮލޮޖީގެ ބޭނުން ހިފިދާނެކަމަށް ސަފީރު ވިދާޅުވިއެވެ.
ދުނިޔޭގެ ފެންވަރުގައި ބަލާއިރު، މޫސުމީ ބަދަލުތަކަށް އެހީވުމަށް ދޫކުރާ ފައިނޭންސިން ނުވަތަ މާލީ އެހީތެރިކަން އިތުރުވަމުން ނުދިއުމަކީ ސިޑްސް ގައުމުތަކަށް ކުރިމަތިވާ އިތުރު ގޮންޖެހުމެއްކަމަށްވެސް ސަފީރު ވިދާޅުވިއެވެ. ސަބަބަކީ ގިނަ ސިޑްސް ގައުމުތަކަކީ ޖައްވަށް ކާބަން ބޭރުކުރާ މިންވަރު މަދު ގައުމުތަކަކަށް ވީނަމަވެސް، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ މި ގައުމުތަކަށް ކަމަށްވާތީކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ކުރިންވެސް ފާހަގަކުރި ފަދައިން، 39 ސިޑްސް ގައުމު އެބަތް. މި ގައުމުތައް އެކުވެ، ހުރި ކަންބޮޑުވުންތަކާއި، ތަޖުރިބާތަކާއި، ލިބިފައިވާ ފިލާވަޅުތައް ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް. މީގެ އިތުރުން، ގިނަ ސިޑްސް ގައުމުތަކަށް ކުރިމަތިވެފައިވަނީ އެއްގޮތް ގޮންޖެހުންތަކެއް. އެހެންކަމުން، މި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ރާއްޖެއިން އިސްނަގައިގެން މި ގައުމުތައް އެއްކުރުމަކީ، ޓެކްނޮލޮޖީގެ ބޭނުން ހިފައި، އެންމެން ގުޅިގެން ބޮޑު މާކެޓެއް އުފެއްދުމަށް ލިބޭ ފުރުސަތެއް."އދ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާއޯ ޖަންގް ވިދާޅުވިއެވެ.
މި ގްރޫޕުން ހަމައެކަނި އާމްދަނީގެ މިންވަރަށް ބެލުމުގެ ބަދަލުގައި، ސިޑްސް ގައުމުތަކަށް ހުރި ހާއްސަ ގޮންޖެހުންތަކަށް ބަލައި، ދެމެހެއްޓެނިވި، ލުއި އަދި ދިގުމުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށް ސަފީރު ވިދާޅުވިއެވެ. މިއީ ސިޑްސް ގައުމުތަކުގެ ތަރައްގީއަށާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް ވަރަށް މުހިންމު ކަމެއްކަމަށް ސަފީރު ވިދާޅުވިއެވެ.