ހިއްކަން ޖެހޭ މިންވަރުގެ 60 އިންސައްތައަށްވުރެ ބޮޑުބައެއް ހިއްކާ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކަށް ރަސްމާލެ ވެފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރަސްމާލެ މަޝްރޫޢަކީ، ބޯހިޔާވަހިކަމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ބިޔަ މަޝްރޫޢެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ، މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުކެވެ.
މިމަޝްރޫޢުގެ އަދާހަމަތައް ހިއްސާކުރައްވާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު ނާޝިދު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށްދާ ކަމަށެވެ. ނާޝިދު ވިދާޅުވީ މިމަޝްރޫޢުގެ ހިއްކަން ހަމަޖެހިފައިވާ 1150 ހެކްޓަރުގެ ތެރެއިން މިހާތަނަށް 716 ހެކްޓަރު ހިއްކައި ނިންމާފައިވާ ކަމަށެވެ. މިއީ ހިއްކަން ޖެހޭ ބިމުގެ 62 އިންސައްތައަށް ވުރެ އިތުރު އަދަދެކެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ #ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިޔަށް. ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، މިހާރު 716 ހެކްޓަރު ހިއްކި، ރަސްމާލެ މިވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް… pic.twitter.com/UUL3n0dVJ8
— Mohamed Nashid (@naadu_mv) August 24, 2026
ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން 700 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމުމުން، މިހާރު އެރަށަކީ ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށް ކަމަށް ނާޝިދު ވިދާޅުވިއެވެ. މީގެ ކުރިން ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށަކީ ހައްދުންމަތީ ގަމެވެ. އެރަށުގެ ބޮޑުމިނަކީ 609 ހެކްޓަރެވެ. ނަމަވެސް ރަސްމާލެ އަކީ މިވަގުތަށް އެރަށަށް ވުރެ 107 ހެކްޓަރު ބޮޑު ރަށެކެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ޢާއިލީ ބޯހިޔާވަހިކަމުގެ ނަމުގައި އައު ޕްރޮގްރާމެއް ފަށައި، އެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް، ކޮންސަލްޓެންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތްވެސް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ. މާސްޓަރ ޕްލޭންގެ ދަށުން ރަސްމާލޭގައި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތައް ކުރުމާއި، ޔުޓިލިޓީގެ ޚިދުމަތުގެ ޕްލޭނާއި، ދަތުރުފަތުރާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ އެކްސިސިބިލިޓީއަށްވެސް ބަލާނެއެވެ.
ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މަސައްކަތްތައް އަވަސް ކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށް މަސައްކަތް ފެށީ، މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ މަޑުޖެހުމާއެކު، ރަސްމާލެ ހިއްކުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، ސަރުކާރުގެ ޢަމާޒަކީ އެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމެވެ.