ވިލިމާލޭ ބާބެކިއު ސަރަޙައްދުގައި އޮޑިދޯނި ފަހަރު އެހެލައިގެން ވަޑާންކުރުމުގެ މަސައްކަތާއި ފައިބަރުގެ މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ވިލިމާލޭ ބާބެކިއު ސަރަޙައްދުގައި އޮޑިދޯނިފަހަރު އެހެލައިގެން ވަޑާންކުރުމުގެ މަސައްކަތާއި ފައިބަރުގެ މައްސަކަތްކުރާކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބެމުންދާކަމަށެވެ. އަދި އެސަރަޙައްދުގައި ފައިބަރުގެ މަސައްކަތްކުރުމަކީ ޢާއްމުންގެ ސިއްޙަތަށް ގެއްލުންހުރި ކަމެއްކަމަށާއި މިފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލުގެ އިޢުލާންގައި ބުނެފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވީ ވިލިމާލޭ ބާބެކިއު ސަރަޙައްދުގައި މަސައްކަތްކުރުމަކީ މަނާކަމެއްކަމަށާއި އެކަމާ ގުޅޭގޮތުން ޢިއުލާނެއް ނެރުނީ ފިޔަވަޅު އެޅުމުގެ ކުރިން ހަނދާންކޮށްދިނުމަށްކަމަށެވެ. އަދި މިކަންކަން ހުއްޓާނުލާނަމަ ކުރިއަށް އޮތްތަނުގައި ފިޔަވަޅުއަޅާނެކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.