ތަރައްްޤީ

ފުވައްމުލައް ސިޓީގައި ކީރިތި ޤުރުޢާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ


ފުވައްމުލައް ސިޓީގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ކީރިތި ޤުރުޢާނާބެހޭ މަރުކަޒެއް ފުވައްމުލައް ސިޓީގައި އިމާރާތްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު 25 ޑިސެމްބަރު 2019ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މިމަޝްރޫޢަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ސާޅީސް ހާސް ރުފިޔާ ހުށަހަޅަންޖެހޭނެކަމަށާއި، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި ބީލަމުގައި ބައިވެރިވުމަށް ފަނަރަ ސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ދޭއް ޕޮއިންޓު ދޭއް މިލިއަނަށްވުރެ ގިނަ ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ރާއްޖޭގެ އިސްލާމީ ތަޢުލީމު ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރުކަޒުގެ 8 ގޮތްޕެއް ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައެވެ. ހަމައެހެންމެ ރާއްޖޭގެ 5 ސަރަޙައްދެއްގައި އިސްލާމީ މަރުކަޒު ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.