ޚަބަރު

މޮޅަދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ނާއިބު ރައީސް ފައްޓަވާ ދެއްވައިފި


ހއ.މޮޅަދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ފައްޓަވާދެއްވައިފިއެވެ. އެމަނިކުފާނު މިމަޝްރޫޢޫ އިފްތިތާޙުކޮށްދެއްވީ މިހާރު އުތުރުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ދައުލަތުގެ ބަޖެޓުން 26 މިލިއަންރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މޮޅަދޫ ބަނދަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައވެޓް ލިމިޓެޑާއެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި މިމަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާއިރު މިމަޝްރޫޢުގެ ދަށުން މޮޅަދޫގައި 24700 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 232 މީޓަރުގެ ބޭރު ތޮއްޓަކާއި 42 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢު ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން ނާއިބު ރައިސް ފައިސަލް ނަސީމު ވިދާޅުވީ ރަށެއް ތަރައްޤީކުރުމަށް އެރަށުގެ ކުޑަ ބޮޑު މިނަށް މިސަރުކާރުން ނުބައްލަވާނެކަމަށެވެ. އަދި ވޭތުވެދިޔަ އެއް އަހަރުތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޮޅަދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ މޮޅަދޫ އަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ދިގު މުއްދަތެއް ހޭދަވެގެން ދިޔުމަކީ ހިތާމަކުރައްވާކަމެއްކަމަށެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން މިމައްސަލައަށް ފުރަތަމަ އަހަރުތެރޭގައި ޙައްލެއް ގެނެސްދެއްވިކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާކަމަށެވެ. އަދި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންގޮސްފައިވާކަމަށްވެސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމު މޮޅަދުއަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެރަށުގައި ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑުވެސް ހުޅުއްވާދެއްވާފައެވެ. މީގެއިތުރުން މޮޅަދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް އެމނިކުފާނުވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމު މޮޅަދުއަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެރަށުގައި ތަރައްޤީކޮށްފައިވާ ފުޓްސަލް ދަނޑުވެސް ހުޅުއްވާދެއްވާފައެވެ. މީގެއިތުރުން މޮޅަދޫގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް އެމނިކުފާނުވަނީ ބައިވެރިވެވަޑައިގެންފައެވެ.