ކުޅިވަރު

ޓޮޓެންހަމަށް ކާމިޔާބު ހޯދައިދޭނަން: މޮރީނިއޯ


ޓޮޓެންހަމް ލައްވައި މޮޅަށް ކުޅުވައި ކާމިޔާބު ހޯދައިދޭނެ ކަމަށް ޓީމާ އަލަށް ހަވާލުވި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ފާއިތުވެދިޔަ ފަސް އަހަރު ކޯޗުކޮށްދިން މައުރީސިއޯ ޕޮޗެޓީނޯ މަގާމުން ވަކިކޮށް މޮރީނިއޯ ޓީމު ހަވާކުރީ ތިން އަހަރު ދުވަހަށެވެ. އަދި މިއީ ޓޮޓެންހަމުން މޮރީނިއޯ ފަދަ ހައި ޕްރޮފައިލް ކޯޗަކު އެ ޓީމަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. އޭނާގެ މުސާރަ އަކީ އަހަރަކަށް 15 މިލިއަން ޔޫރޯ އެވެ. މިއޯ ކުރީގެ ކޯޗު ޕޮޗެޓީނޯގެ މުސާރައަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ފަހަތުން އެންމެ މުސާރަ ބޮޑު ކޯޗަކީ ވެސް މޮރީނިއޯ އެވެ.

ޕޯޓޯ އާއި އިޓަލީގެ އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުނީ ޓޮޓެންހަމުގައި އޮތީ މޮޅު ސްކޮޑެއް ކަމަށެވެ.

"ހަމަ މިއާއެކު ކުލަބުގެ ޒުވާން ކުޅުންތެރިންނާއެކު މަސައްކަތް ކުރަން އަހަރެން ޝައުގުވެރިވަން. މި ކުލަބަށް އަހަރެން ވަރަށް ޝައުގުވެރިވޭ. އަދި ކާމިޔާބު ހޯދައިދޭނަން. އަހަރެން ވަރަށް ގިނަ މެޗުތަކުގައި ޓޮޓެންހަމާ ދެކޮޅަށް ނުކުތިން. އަބަދުވެސް އިހްތިރާމް ބާއްވަން. ސަބަބަކީ ކޮންމެވެސް ދުވަހަކުން ޓޮޓެންހަމުގެ މީހަކަށް އަހަރެން ވެދާނެތީވެ،" އުމުރުން 56އަހަރުގެ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ އިނގިރޭސި ލީގުގައި ޓޮޓެންހަމް އޮތީ ގަދަ 10 އިން ބޭރުގައި ނަމަވެސް އެކަން ބަދަލު ކުރެވިދާނެ ކަމަށާއި އޭނާގެ އަމާޒަކީ ތަށި ހޯދުން ކަމަށެވެ.