ތަރައްްޤީ

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުސްއެއް މަރާމާތުކުރުމުގެ މަސައްކަތް ފެނަކައާއި ހަވާލުކޮށްފި


ހދ. ކުޅުދުއްފުށީގައި ޢިމާރާތްކޮށްފައިވާ 40 ރޯހައުސްއެއްގެ މަރާމާތުގެ މަސައްކަތްތައް ކުރުމަށް ފެނަކަ ކޯރޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޙާލިސް ޝަރީފެވެ. ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން ރޯހައުސްތަކުގެ ފެނާއި ނަރުދަމާ ގުޅާދިނުމުގެ މަސައްކަތް ފެނަކައިން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޯހައުސްތަކުގެ ބޮކިތަކާއި ފަންކާފަދަ ތަކެތި މަރާމާތުކުރުމުގެ މަސައްކަތްވެސް ފެނަކައިން ކުރާނެއެވެ.

ކުޅުދުއްފުށީގައި ޢިމާރާތްކޮށްފައިވާ 40 ރޯހައުސްގެ މަރާމާތުގެ މަސައްކަތަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މަރާމާތު ކުރުމުގެ މަސައްކަތް ފެނަކަ ކޯރޕަރޭޝަނާއި ހަވާލުކޮށްފައިވަނީ މަސައްކަތް ހަވާލުކުރާތާ 190 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާގޮތަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.