ތަރައްްޤީ

ހިންމަފުށީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ


ކ. ހިންމަފުށީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ހިންމަފުށީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަަރާތްތަކަށް އަންނަމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި މި މަޝްރޫޢަށް ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްލައްކަ ނުވަދިހަ ހާސް ރުފިޔާ ހުށަހަޅަންޖެހޭނެކަމަށާއި، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހިންމަފުށީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށްޓަކާ 5.2 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެކި ރަށްރަށުގައި އަލަށް ފަށާ ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ޖުމްލަ 322.8 މިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުން އަލަށް ފަށާ ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 100.4 މިލިއަން ރުފިޔާ ޚަރަދުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.