ތިމާވެށި

މޫސުމަށް އަންނަ ބަދަލުތަކާބެހޭ އެޤްރިމެންޓް އެކުލަވާލުން މުހިންމު


އަލަށް އެކުލަވާލެވޭ މޫސުމަށް އަންނަ ބަދަލުތަކާބެހޭ އެޤްރިމެންޓް، ކުދި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމާއި މުސްތަޤްބަލަށްޓަކާ މިއަހަރުގެ ފަހުކޮޅު އެކުލަވާލެވެންޖެހޭނެކަމަށް ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބާރާހިމް ވިދާޅުވެއްޖެއެވެ.މިނިސްޓަރ ޠޯރިޤް މިހެން ވިދާޅުވީ އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިޔަށްދާ ހައިލެވަލް އޮން ކްލައިމެޓް ޗޭންޖް ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުންނެވެ.މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެބޮޑަށް ފޯރާނެ ކުދި ޖަޒީރާ ޤައުމުތައް ހިމެނޭ ސާޅީސް ހަތަރު މެންބަރު ޤައުމުގެ ޢިއްތިހާދުކަމަށްވާ "އެއޯސިސް" ގެ ޗެއާގެ ހައިސިއްޔަތުން މިބައްދަލުވުމުގައި މިނިސްޓަރ ޠޯރިޤް ދެއްކެވި ޥާހަކަފުޅުގައި މިދާކަށްދުވަހު ،ސައިކްލޯން ޕޭމް، އަދި ،ސައިކްލޯން މޭސަކް،ގައިވެސް ޕެސިފިކް ޤައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް  މޫސުމާބެހޭ އާ އެގްރިމެންޓަކަށް ދުނިޔެ ބޭނުންވެފައިވާކަމަށެވެ.މީގެ އިތުރުން ސިނާޢީ ޢަސްރުން ފެށިގެން ދުނިޔޭގެ ފިނިހޫނިމިން ދެ ޑިގްރީއަށް ދަށުގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި "ޓޫޑިގްރީ ގޯލް"އަކީ ކުދިޖަޒީރާ ޤައުމުތަކަށް އެންމެ އެކަށޭނަ ފިނިހޫނިމިން ނޫންކަމަށް ސައިންސްގެ ދިރާސާތަކުން ދައްކާކަމަށާ، އެހެންކަމުން މިލަނޑުދަޑިން ކުދިޖަޒީރާ ޤައުމުތަކަށް ނޭދެވޭ އަސރުކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.އދ ގެ ޖެނެރަލް އެސެންބްލީގެ ރައީސް ސޭމް ކުޓީސާގެ އިސްނެންގެވުމުގެ ދަށުން ނިއުޔޯކްގައި ކުރިޔަށްދާ މިބައްދަލުވުމަކީ މިއަހަރު ފަހުކޮޅު ޕެރިހުގައި ބާއްވާ މޫސުމަށްއަންނަ ބަދަލުތަކާބެހޭ ބައްދަލުވުމުގައި އެއްބަސްވުމަށް ހަމަޖެހިފައިވާ އެގްރިމެންޓަށް ދުނިޔޭގެ ވެރިންގެ ސިޔާސީ އެއްބާރުލުން ހޯދުމާއި ޤައުމުތަކުގެ ސިޔާސީ އެޖެންޑާތަކުގައި އިތުރު އަހައްމިއްޔަތުކަމެއް މި އެގްރިމެންޓަށް ދިނުމުގައި ބޭނުމުގައި ކުރިޔަށްގެންދާ ބައްދަލުވުމެކެވެ.