ތިމާވެށި

މުލަކަތޮޅުގެ ރަށްތަކުގެ ތިމާވެށީގެ ޙާލަތު އެންވަޔަރަމަންޓް މިނިސްޓަރ ބައްލަވައިލައްވައިފި


މުލަކަތޮޅުގެ ރަށްތަކުގެ ތިމާވެށީގެ ހާލަތު އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ބައްލަވާލައްވައިފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ މ.އަތޮޅުގެ ރަށްތަކަށް ކުރެއްވި މި ރަސްމީ ދަތުރުފުޅުގައި ކޮޅުފުށި، މުލި، މުލައް، ވޭވަށް، ރަތްމަންދޫ، ނާލާފުށި އަދި މަޑުއްވަރީއަށް ޒިޔާރަތްކުރައްވައި އެއަތޮޅު ކައުންސިލާއި މ. އަތޮޅުގެ ރަށްތަށުގެ ރަށުކައުންސިލާއި ބައްދަލުކުރެއްވިއެވެ. އަދި މ.އަތޮޅުގެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެމަޝްވަރާތަކުގެތެރޭގައި ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ކުނީގެ މައްސަލަ ދިމާވެފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް އެކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެންވަޔަރަމަންޓް މިނިސްޓަރ އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުގައި މިމަހުގެ ތެރޭގައި ގދ.ތިނަދޫއަށް ވަޑައިގެން އެ ރަށުގެ ތިމާވެށީގެ ހާލަތު ބައްލަވާލައްވައި އެ މައްސަލަތަކާއި ގުޅޭގޮތުން ކައުންސިލާއި މަޝްވަރާކުރައްވާފައެވެ. އަދި ތިނަދޫއަށް ދިމާވެފައިވާ ފެންބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވެއެވެ.

މީގެ އިތުރުން އެ ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި އިންސިނެރޭޓަރެއް ބެހެއްޓުމުގެ މަސައްކަތްކުރުމަށް ބަޔަކާ ހަވާލުކުރުމާއި، ތިނަދޫގައި ސޯލާރ ފާމެއް ޤާއިމުކުރުމަށް އެ ރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.