ކުޅިވަރު

ގޮންޖެހުންތަކުން ޓީމަށް ލިބުނީ އައު ހިތްވަރެއް: ސަހާ


އަބަދުވެސް ދެކެމުންއައި ހުވަފެން ހަގީގަތަކަށް މިވީ ޓީމު އެކަތިގަނޑަކަށްވެ ކުރި މަސައްކަތުންކަމަށް ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ހައްވާ ސަހާ ބުނެފިއެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރައްޖެއިން ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި، ރިހި މެޑަލް ކަށަވަރުކޮށްފައެވެ. މިކާމިޔާބީ އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސަހާ ބުނީ، މިއީ ހަ އަހަރު ވަންދެން ކުރި މަސައްކަތް ކަމަށާއި، މި ކާމިޔާބީއާއި ހިސާބަށް އާދެވުނީ ވަރަށް ގިނަ ގޮންޖެހުންތަކާއިއެކުކަމަށެވެ.

ސަހާ ބުނީ، މިޓީމް ވަރަށް ބައިވަރު ކޯޗުންގެ އިރުޝާުދުގެ ދަށުގައި ކުޅެފިކަމަށާއި، އެތައް ފަހަރަކު ޓީމުގެ ނެޖޭމަންޓް ބަދަލުވެ ޓީމަށް ކުދި ބަދަލުތައް އައިކަމުގައިވިޔަސް ހުރިހާ ކުޅުންތެރިންވެސް އަބަދުވެސް މަސައްކަތް ކުރީ ދުވަހަކަށްވުރެ ދުވަހެއް ޓީމަށް ކުރިއެރުން ހޯދައި ގައުމު ފަޚުރުވެރިކޮށްދޭން ކަމަށެެވެ. އެގޮތުން ވޮލީބޯޅައިގެ ހަޔާތުގައި ހޯދުުނު އެންމެ ބޮޑު ކާމިޔާބީ މިހޯދުނީ ޓީމު އެއް އަޒުމެއްގައި މަސައްކަތް ކުރުމުން ކަމަށް ސަހާ ބުންޏެވެ.

ސަހާބުނީ އެހެން މުބާރާތްތަކަށްވުރެ މިމުބާރާތުގައި ޓީމު ވާދަކުރީ ގިނަ ގޮންޖެހުންތަކާއިއެކުގައި ކަމަށާއި، ނަމަވެސް ކުޅުންތެރިންނަށް އެ ކަންތައްތަކުން ލިބުނީ އައު ހިތްވަރެއް ކަމަށެވެ. އެގޮތުން ހުރިހާ ކުޅުންތެރިންވެސް ފެށުނީއްސުރެ ހުރިހާ ވިސްނުމެއްވެސް ބެހައްޓީ މެޑަލް ހޯދަން ކަމަށާއި، ކާމިޔާބީގެ އަސްލަކީ ހިތްވަރާއި އަޒުމް ކަމަށެވެ.

"މިއީ ކެރިއަރުގައި ލިބުުނު އެންމެ ބޮޑު ކާމިޔާބީ، މިއީ ހަ އަހަރު ވަންދެން ދެކެމުން އައި ހުވަފެން، މިކަންމިވީ ދިމާވި ހުރިހާ ޗެލެންޖު ތަކަކުން ހިތްވަރު ނަގައިގެން، ޓީމަށް ކުރިއެރުން ހޯދައި އެއް އަޒުމެއްގައި މުޅި ޓީމް މެޑަލްއަކަށް ހިފާލުމުން" ސަހާ ބުންޏެވެ.