ވިޔަފާރި

ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯ އާއި ވީޑިއޯ އެމްއެމްޕީއާރުސީއަށް ވިއްކުމުގެ ފުރުޞަތު މިއަދު ހަމަވާނެ


ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ފޮޓޯއާއި ވީޑިއޯ ހޯދަން އެމްއެމްޕީއާރުސީން ހުޅުވާލި ފުރުޞަތު މިއަދަށް ހަމަވާނެއެވެ. ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ ފޮޓޯއާއި ވީޑިއޯ ވިއްކުމުގެ ފުރުސަތު އެމްއެމްޕީއާރުސީން ހުޅުވާލީ މިދިޔަ މަހުގެ ތެރޭގައެވެ. ފޮޓޯއާއި ވީޑިއޯ ފޮނުވުމުގެ ފުރުޞަތު މިރޭ 12:00ގައި ހަމަވާނެއެވެ.

އެމްއެމްޕީއާރުސީން ބުނީ ހުށައަޅާ ހުރިހާ ފޮޓޯ އާއި ވީޑިއޯއަކީ ރާއްޖޭގައި ނަގާފައިވާ މަންޒަރުތަކަށް ވުމާއި، އިސްލާމްދީނާއި ދިވެހި ސަޤާފަތަށް އުނިކަމެއްނާންނަ ފޮޓޯއާއި ވީޑިއޯއަށް ވާނެޖެހޭނެކަމަށެވެ. ފޮޓޯ އާއި ވީޑިއޯގައި ހުންނަންޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި ފެންވަރު ރަނގަޅު ކެމެރާއަކުން ނަގާފައިވުމާއި އަސްލު ކުލަ ގެއްލޭވަރަށް އެޑިޓްކޮށްފައި ނުވުންވެސް ހިމެނެއެވެ.

މިގޮތަށް ހުށަހަޅާ ވީޑިއޯތައް 1 މިނެޓަށްވުރެ ދިގުވެގެންނުވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އެ ކުންފުނިން ބުނީ 1 މިނެޓުގެ ދިގުމިނުގެ 30 ވީޑިއޯއާއި 75 ފޮޓޯ ގަތުމަށް ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް ފޮނުވާ ވީޑިއޯއާއި ފޮޓޯގެ ފެންވަރު ދަށްނަމަ މިއަދަދު މަދުވުމަކީވެސް އެކަށީގެންވާކަމެއްކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ފޮޓޯގަނޑެއް ގަތުމަށް ހަމަޖެހިފައިވަނީ 2000 ރުފިޔާއަށެވެ. އަދި ވީޑިއޯއެއް 3000 ރުފިޔާއަށް ގަތުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ފޮޓޯ އާއި ވީޑިއޯ ގަންނަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ރިސޯޓް، ގެސްޓްހައުސް، ސަފާރީ، ހޮޓެލް ފެންނަ ފޮޓޯ އާއި ވީޑީއޯގެ އިތުރުން ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ އެކި އުޅަނދުތައް ހިމެނޭފޮޓޯއާއި، ރާއްޖޭގެ ސަޤާފަތާއި ތާރީހު ދައްކުވައިދޭ ފޮޓޯއާއި، ގުދުރަތީ ރީތި މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ހިމެނެއެވެ.

މީގެތެރޭގައި ރާއްޖޭގެ ގޮނޑުދޮށްތަކާއި، ފިނޮޅުތަކާއި، މޫދާއި، ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި، ރާއްޖޭގެ ރަށްތަކުގެ ތަފާތު ފޮޓޯއާއި ވީޑިއޯވެސް ހިމެނެއެވެ. މީގެއިތުރުންވެސް ކުޅިވަރާއި، ދިވެހިންގެ ދިރިއުޅުމުގެ ވަށްޓަފާޅިއާއި، ރާއްޖޭގައި ފާހަގަކުރާ ޚާއްސަ ދުވަސްތަކުގެ މަންޒަރުތަކާއި، ކުޑަކުދިންގެ ފޮޓޯ ވިޑިއޯގެ އިތުރުން ރާއްޖޭގައި ބާއްވާ އެކި ދުވުންތަކާއި، ސެމިނާތަކާއި މީޓިންތަކުގެ މަންޒަރުތަށްވެސް ފޮނުވޭނެއެވެ.

އެމްއެމްޕީއާރުސީން ބުނީ ފޮޓޯ އާއިވީޑިއޯ ގަތުމަށްފަހު އެތަކެތި ބޭނުންކުރުމުގެ ހުރިހާ ހައްޤެއް އެމްއެމްޕީއާރުސީއަށް ލިބިގެންދާނެކަމަށެވެ. އަދި މި ފޮޓޯތަކާއި ވީޑިއޯތައް އެ ކުންފުނިން ބޭނުންކުރާނީ ރާއްޖެ އިޝްތިހާރުކުރުމުގެ އެކި ހަރަކާތްތަކުގައިކަމަށެވެ. އަންނަ އަހަރު ރާއްޖެ އިޝްތިހާރުކުރުމަށް 45 ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން މިހާރު ވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި ފެއަރތަކާއި ރޯޑްސޯތައް ހިމެނެއެވެ.