ޚަބަރު

އުލިގަމު އިންޖީނުގެ އެޅުމަށް 5.5 މިލިއަނަށް ބަޔަކާއި ހަވާލުކޮށްފި


ހއ.އުލިގަމުގައި އާ އިންޖީނުގެއެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ "ޓޫ އެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" އާއެވެ.

މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދް މުޙައްމަދުއެވެ. އަދި ޓޫ އެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އިބްރާޙިމް ރަޝީދުއެވެ.

އުލިގަމު އާ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 5 މަހާއި 20 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ އަގަކީ 5،599،454.10 (ފަސް މިލިއަން ފައްސަތޭކަ ނުވަދިހަ ނުވަ ހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރެއް) ރުފިޔާއެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި އިންޖީނުގެ އެޅުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ފަށާނެކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މި މަސައްކަތަކީ އެރަށުގެ އިންޖީނުގެ މިހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމަށް ފަށާ މަޝްރޫޢުއެކެވެ.

ފެނަކައިން ދަނީ ރަށްރަށުގެ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި މިފަދަ އިންޖީނުގެތަށް، މީހުން ނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރު 30 އިންޖީނުގެ ބަދަލުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހަތަނަށްވަނީ 17 ރަށެއްގެ އާ އިންޖީނުގެ އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.