ޚަބަރު

ފޮނަދޫގެ ހައުސިން ޔުނިޓުތައް ހަވާލުކުރަން ފަށައިފި


ލ.ފޮނަދޫގައި މިހާތަނަށް ހަވާލުނުކޮށް ހުރި ހައުސިން ޔުނިޓްތައް ލިބިފައިވާ ޙައްގުވެރި ފަރާތްތަކާއި ފްލެޓްތައް ހަވާލުކުރަން ފަށައިފިއެވެ. 27 ހައުސިން ޔުނިޓެއް ހަވާލުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާ ފްލެޓްތައް ހަވާލުކުރަން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހެއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިމަހު 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގައެވެ. ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި ވަނީ 50 ހައުސިން ޔުނިޓް އިމާރާތްކޮށްފައެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީން މިހާރު ގެންދަވަނީ ލ.ފޮނަދޫއަށް ބަދަލުވި އެ އަތޮޅު ގާދޫ މީހުންގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ނުލިބި ތިބި މީހުންނަށް ގެތައް ހަވާލުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ގެތައް މިހާތަނަށް ހަވާލުކުރެވިފައި ނުވަނީ އިމާރާތް ހަދާފައިވީނަމަވެސް އެތަންތަނުގައި ފެނާ ކަރަންޓާއި، ނަރުދަމާގެ ނިޒާމު ޤާއިމުކުރެވިފައި ނެތުމުންނެވެ.

ގާދޫގައި ތިބި 108 ޢާއިލާއެއް ފޮނަދޫއަށް ބަދަލުކޮށްފައިވަނީ 2016ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހުއެވެ. ފޮނަދޫގައި ގާދޫ ރައްޔިތުންނަށް އަޅައިދީފައިވަނީ 85 ގެއެވެ.