2020ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ތިރީސް ހަތެއް ޕޮއިންޓު ފަހެއް ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއްކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ފެނާ ނަރުދަމާގެ މަޝްރޫޢުތަކާއި، ބަނދަރު ހެދުމުގެ މަޝްރުޢުތައް ހިމެނެއެވެ. އެގޮތުން ފެނާ ނަރުދަމާ އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ޕީ.އެސް.އައި.ޕީގެ ތެރެއިން ދޭއް ޕޮއިންޓު ހަތަރެއް ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
2020ވަނަ އަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއްދީފައިވާ އެއް ދާއިރާއަކީ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ އެކި މަޝްރޫޢުތަކަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ޕީ.އެސް.އައި.ޕީ ބަޖެޓުގައި ޖުމްލަ 1.3 ބިލިއަން ރުފިޔާ ހިމާނާފައިވެއެވެ. މީގެތެރެއިން އެކި ރަށްތަކުގައި އަލަށް ފަށާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުތަކަށް 146.8 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ.
ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުތަކަށް ޖުމްލަ 144.3 މިލިއަން ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވާއިރު، މީގެ ބޮޑު އިންސައްތައެއް ޚަރަދުވާނީ އޮފިޑް ފަންޑުގެ ލޯނުގައި އެކި ރަށްތަކުގައި ކުރިއަށްގެންދާ ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭންޖްމަންޓް ޕްރޮޖެކްޓަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެކި ރަށްތަކުގައި މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކަށް 84.5 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ.
2020 ވަނަ އަހަރުގެ ބަޖެޓް ބަޔާން އިއްވަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖެއަށް ބޭނުންވާ އަސާސީ އުމްރާނީ ވަޞީލަތްތައް ޤާއިމުކުރުންކަމަށްވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަކީ ސަރުކާރުގެ މުހިއްމު ވަޢުދެއްކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ބަޖެޓުގައި 157 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކާ 1.3 ބިލިއަން ރުފިޔާ ހިމަނާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ސާފު، ރައްކާތެރި ބޯފެނާއި ނަރުދަމާ ނިޒާމަކީ ކޮންމެ މުޖުތަމަޢަކަށްވެސް ލިބެންޖެހޭ އަސާސީ ހައްގުތައް. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތަކުގެ މަސައްކަތް ފެށުން. މިގޮތުން މިއަންނަ އަހަރުގެ ބަޖެޓުގައި 157 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި 1.3 ބިލިއަން ރުފިޔާ ހިމަނާފައިވާނެ" ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.
ހޫނު މޫސުމުގައި ފެން ބޭނުންވާ ރަށްތަކުގައި އިތުރުން އެކި ރަށްތަކުގައި ފެނުގެ ނިޒާމް ޤާއިމުކުރުމަށްޓަކާ ދައުލަތުގެ އާއްމު ބަޖެޓުން 45.1 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގައި އެކި ރަށްތަކުގައި ފެން ރައްކާކުރާ ނިޒާމް ޤާއިމުކުރުމަށް 30.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ އިތުރުން، ރަށްރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ބަޖެޓުގައި 45 ރަށެއްގެ ބަނދަރު މުޅިން އަލަށް ފެށުމަށް 1.1 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ.